އެއާޕޯޓުން ވަކި ކުރި 18 މުވައްޒަފަކަށް ހަތް ދުވަހުގެ ތެރޭގައި ވަޒީފާ ދިނުމަށް ޖީއެމްއާރުގެ މައްޗަށް އަމުރުކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ބެގޭޖް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަނިކޮށް މި އަހަރުގެ ކުރީކޮޅު ވަޒީފާ އިން ވަކިކުރި 18 މުވައްޒިފަކަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް އެއާޕޯޓް އޮޕަރޭޓް ކުރާ އިންޑީޔާގެ ޖީއެމްއާރު ކުންފުނީގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

އެ މުވައްޒަފުން އެޕްރީލް 27 ވަނަ ދުވަހު ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބުދަ ދުވަހު ނިންމަމުން ހުކުމް ކޮށްފައި ވަނީ އެ މުވައްޒަފުން ޖީއެމްއާރުގެ ވަޒީފާގައި ވަގުތީ މުވައްޒަފުންގެ ގޮތުގައި ގެންގުޅެފައި ވަނީ އެފަދަ މުވައްޒަފުން ގެންގުޅުމަށް ވަޒީފާއާ ބެހޭ ގާނޫނުގެ 90 ވަނަ މާއްދާގައި "ވަގުތީ މުވައްޒަފުން" މާނަކޮށްފައިވާ ގޮތާ ހިލާފަށް ކަމަށެވެ. އަދި ކުންފުނީގެ ވަޒީފާ ދިނުމުގެ އޮނިގަނޑުގައި ވެސް ބެގޭޖް ހޭންޑުލާގެ މަގާމަކީ ދާއިމީ މަގާމެއް ކަމަށް އެނގެން އޮތުމާ އެކު ދާއިމީ މަސައްކަތެއް ކުރުމަށް ވަގުތީ މުވައްޒަފުންތަކެއް ގެންގުޅުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އެއީ ބާތިލް އެއްބަސްވުންތަކެއް ކަމަށެވެ.

"އާދައިގެ މަތިން އަބަދު ވެސް ކުރަން ޖެހޭ މަސައްކަތެއްގައި ދާއިމީ ގޮތެއްގައި މަސައްކަތް ކުރުންމަތީ ދެމިތިބޭ އުސޫލުން އެފަރާތްތައް ހިދުމަތްކޮށްފައިވާކަން އެނގެން އޮތުމުން މައްސަލަހުށަހެޅި ފަރާތަކާ އެކު މައްސަލަ ރައްދުވި ފަރާތުން ވެފައިވާ ވަޒީފާގެ އެއްބަސްވުންތަކަކީ، ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާއާ ބެހޭ ގާނޫނުން ލިބިދޭ ހައްގުން އެފަރާތްތައް މަހުރޫމް ކުރުވާ ފަދަ އެއްބަސްވުންތަކެއް ކަމަށް ދެކޭތީ ވަޒީފާއާ ބެހޭ ގާނޫނުގެ ދެ ވަނަ މައްދާގެ 'ނ' އަށް ރިއާޔަތްކޮށް އެ އެއްބަސްވުންތަކަކީ ބާތިލް އެއްބަސްވުންތަކެއް ކަމަށް (ކަނޑައަޅަމެވެ)،" ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.

އެ ހުރިހާ މުވައްޒަފުން ޖީއެމްއާރުން ވަކިކޮށްފައި ވަނީ އެއީ ކޮންޓްރެކްޓެއްގެ ދަށުން ގެންގުޅެމުން އައި ވަގުތީ މުވައްޒަފުންތަކެއް ކަމަށް ބުނެ އެވެ.

އެ ކަންތައްތަކަށް ރިއާޔަތްކޮށް ޓްރައިބިއުނަލުން ޖީއެމްއާރުގެ މައްޗަށް އަމުރުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު 26 އިން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށްވާ މުސާރަ ފައިސާ ގަނޑުކޮށް ދިނުމަށެވެ.

"މައްސަލަ ނިމޭ ތާރީހުން ފެށިގެން އެކީ އެއް ފަހަރާ އެ ފައިސާ ]ދާއިމީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް[ އެކީ އެއްފަހަރާ ދިނުމަށާއި އެ ފަރާތްތަކަކީ ދާއިމީ ބެގޭޖް ހޭންޑްލަރުންގެ މަގާމުގައި ދެމި ތިބި ބައެއްކަމުން، ވަޒީފާޔާ ބެހޭ ގާނޫނުގެ 85 ވަނަ މާއްދާގެ 'ށ' އަށް ރިއާޔަތްކޮށް، އެފަރާތްތަކުގެ ދާއިމީ ވަޒީފާއާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށް ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާ ޕޯޓުގެ މައްޗަށް އަންގާ އަމުރުކުރަމެވެ." ނިންމުމުގައިވެ އެވެ.
އެ ނިންމުމާ ބެހޭ ގޮތުން ޖީއެމްއާރުން އަމަލު ކުރި ގޮތަކީ ކޮބައިތޯ ސާފުކުރަން ގުޅި އިރު، އެ ކުންފުނީގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު