ފޭސްބުކް މެސެންޖާއަށް ބަދަލުތަކެއް ގެންނަނީ

މެސެންޖާ އަށް ބަދަލުތަކެއް ގެނެސް މިއަދު ދޫކޮށްލާނެ ---

ފޭސްބުކް މެސެންޖާއަށް ބަދަލުތަކެއް ގެނެސް އާ އަޕްޑޭޓު މިއަދު ދޫކޮށްލަން ނިންމައިފިއެވެ.

އާ އަޕްޑޭޓާއެކު މެސެންޖާ އެންމެ ފުރަތަމަ ތައާރަފު ކުރި އިރު ހުރި ކުލަވަރު ފެންނާނެއެވެ. މެސެންޖާ ތެރެއިން ފެންނަ ބޭކާރު ކަންތައް މަދުވާނެއެވެ.

މީގެ ކުރިން ފޭސްބުކް ޗެޓު ކުރުން ކުރިއަށް ދިޔައީ ފޭސްބުކް އެޕްލިކޭޝަނުގެ ތެރެއިން ނަމަވެސް މެސެންޖާ ވަކި އެޕްލިކޭޝަނަކަށް ހަދައި ބޭނުން ކުރަން ފެށީ 2014ގައެވެ. މިހާރަށް ބަލާއިރު މެސެންޖާގައި ބޭކާރު ޓެބުތައް ގިނަ ކަމަށް ފޭސްބުކް އިންވެސް ގަބޫލު ކުރެއެވެ. އެގޮތުން ގޭމަށް ހާއްސަ ޓެބަކާއި، އެވަގުތު އެޕް ބޭނުންކުރާ ރައްޓެހިން ފެންނަ ޓެބަކާ، ވިޔަވާރިއަށް ހާއްސަ ޓެބުވެސް ހިމެނެއެވެ.

ނަމަވެސް މެސެންޖާ އަކީ ސިމްޕަލް ބޭނުންކުރަން ފަސޭހަ އެޕަކަށް ހަދަން ނިންމައި ފޭސްބުކް އިން މިވަނީ އަނެއްކާވެސް މެސެންޖާއަށް ބަދަލުތަކެއް ގެންނަން ނިންމައިފައެވެ.

އާ ބަދަލާއެކު ފޭސްބުކް މެސެންޖާގެ ޓެބުތައް މަދުވާނެއެވެ. ޗެޓުތައް ފެންނަ ޓެބެއްގެ އިތުރުން ޕީޕަލް އަދި ޑިސްކަވާ ޓެބެއް މެސެންޖާގައި ވަނީ ހިމަނައިފައެވެ. ބާކީ ހުރިހާ ޓެބެއް އެޕްލިކޭޝަނުން ފުހެލަން ފޭސްބުކުން ނިންމީ ޔޫޒަރުންގެ ފީޑްބެކަށް ބަލައިފައެވެ.

comment ކޮމެންޓް