ސައުދީން ޕާކިސްތާނަށް 6 ބިލިޔަން ޑޮލަރު ދޭން ނިންމައިފި

އިމްރާންޚާން ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވަނީ

ރިޔާޟް (އޮކްޓޯބަރ 24): ޕާކިސްތާނަށް ކުރިމަތިވެފައިވާ ބަޖެޓް ޑެފިސިޓާއި ބެލަންސް އޮފް ޕޭމަންޓްސްގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ 18 ބިލިޔަން ޑޮލަރުގެ ތެރެއިން 6 ބިލިޔަން ޑޮލަރު ލުއި ލޯންގެ ގޮތުގައާއި ދިނުމަށް ސައޫދީ ސަރުކާރުން ނިންމައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާއެކު ސައޫދީއަށް ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ 6 ބިލިޔަން ޑޮލަރު ވަރަށް އަވަހަށް ދޭނެ ކަމުގެ ޔަގީންކަން ސައޫދީ ރަސްގެފާނު ދެއްވައިފި ކަމުގައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އަންގާރަދުވަހު ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިޔާއަށް ވަޑައިގެން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ އަދި ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުކުރައްވާފައެވެ. މިދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ޕާކިސްތާނަށް ކުރިމަތިވެފައިވާ ބަޖެޓް ޑެފިސިޓާއި ބެލަންސް އޮފް ޕޭމަންޓްސް ގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ 18 ބިލިޔަން ޑޮލަރުގެ ތެރެއިން ބައެއް ލޯންގެ ގޮތުގައާއި އަދި ހިލޭ އެހީގެ ގޮތުގައި ސައޫދީން ހޯދުމެވެ.

އިމްރާންޚާން ދާދިފަހުން ވިދާޅުވެފައިވަނީ ޕާކިސްތާނުގެ އިގްތިސާދަށް ހަމަޖެހުން ގެނެސް އިގްތިސާދީ ކުރިއެރުން ހާސިލްކުރުމަށް މަގުފަހިކޮށްދޭނެ ޕްރޮގްރާމެއް ފެށޭނީ މަދުވެގެން 18 ބިލިޔަން ޑޮލަރު ލިބިގެން ކަމުގައެވެ. މިފައިސާ ހޯދުމަށް ޕާކިސްތާނުން މަސައްކަތްކުރަނީ ސައޫދީންނާއި ޗައިނާގެ އިތުރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިންނެވެ. އައިއެމްއެފްގެ ލޯންތަކުގައި ޝަރުތުތައް ގިނަކަމުންނާ އަދި އިންޓްރަސްޓް ބޮޑުކަމުން މި 18 ބިލިޔަން ޑޮލަރުގެ ތެރެއިން ބޮޑުބައި ހޯދަން ޕާކިސްތާން މަސައްކަތްކުރަނީ ސައޫދީ އާއި ޗައިނާއިންނެވެ.

އިމްރާން ޚާން ވަނީ "ދަ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް 2018"ގެ ނަމުގައި ސައޫދީގައި އިއްޔެފެށި އިންވެސްޓްމަންޓް ފޯރަމްގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ. ސައޫދީ ލިޔުންތެރިޔާ ޖަމާލް އަލްޚާޝުގްޖީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކާއި ކުންފުނިތަކުން އެފޯރަމް ބޮއިކަޓްކުރި ނަމަވެސް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުފައިވަނީ އެ ޖަރީމާ ޕާކިސްތާނުންވެސް ކުށްވެރި ކުރާކަމަށާ ނަމަވެސް ސައޫދީއަށް ކުރައްވަން ރާވަފައިވާ ދަތުރުފުޅު އެކަމާގުޅިގެން ކެންސަލް ނުކުރައްވާނެކަމުގައެވެ.

އަދި ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލައިގެ ސަބަބުން ގައުމު އިނދަޖެހި އިގްތިސާދު ރޫޅޭ ހިސާބަށް ގޮސްފައިވާ މިދަނޑިވަޅުގައި ސައޫދީއަށް ކުރައްވާ ދަތުރު ކެންސަލްކޮށް ސައޫދީ އިންވެސްޓްމަންޓް ފޯރަމް ބޮއިކަޓްކުރެވެން ނެތް ކަމަށާ އެއަށްވުރެ ޕާކިސްތާނުގެ 220 މިލިޔަން ރައްޔިތުންގެ މަސްލަހަތު ކުރިޔަށްނެރެންޖެހޭ ކަމަށް އިމްރާންޚާން ވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް