ސޭކްރެޑް ގޭމްސް 2'އިން ސައިފް ނުފެންނާނެ؟

އިންޑިއާގެ ފުރަތަމަ ނެޓްފްލިކްސް އޮރިޖިނަލް ވެބް ސީރީޒް، ސޭކްރެޑް ގޭމްސް ވެގެން ދިޔައީ އިންޑިއާގެ ފިލްމީ އުދަރެހަށް ބޮޑު ބަދަލެއް ގެނައި ސީރީޒް އަކަށެވެ. ބޮލީވުޑްގެ ފުންނާބު އުސް އެކްޓަރުން ކަމުގައިވާ ސައިފް އަލީ ޚާން އަދި ނަވާޒުއްދީން ސިއްދީގީ ލީޑު ރޯލުތަކުން ފެނިގެން ދިޔަ އެ ސީރީޒްގެ ސަބަބުން އިންޑިއާގެ އެހެން އުފެއްދުންތަކަށް ޑިޖިޓަލް ޕްލެޓްފޯމް ވަރަށް ބޮޑަށް މިވަނީ ހުޅުވިގެން ގޮސްފަ އެވެ.

ފުރަތަމަ ސީޒަނަށް ލިބުނު ތަރުހީބާއި ފައިދާގެ ސަބަބުން 'ސޭކްރެޑް ގޭމްސް' ގެ ދެވަނަ ބައެއްގެ މަސައްކަތް ފަށަން އުޅޭކަމަށް ޚަބަރުތައް ބުނާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދެވަނަ ސީޒަންގެ ޝޫޓިން ފަށާނެ ކަމަށް ބެލެވޭ އިރު، ސީރީޒް އަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެ އެވެ.

އެގޮތުން ސީރީޒްގެ ލީޑު އެކްޓަރު ސައިފް ދެވަނަ ސީޒަނުގައި ނުފެންނާނެ ކަމަށް ބައެއް ޚަބަރުތައް މިވަނީ ބުނަން ފަށައިފައެވެ. އަދި އެ ޚަބަރުތަކަށް ސައިފް ދިން ޖަވާބަކީވެސް ފޭނުންނަށް މާޔޫސްކަން ގެނުވައިދޭ ޖަވާބެކެވެ.

"އަހަރެން ވަރަށް ވާހަކަ ދައްކާ ހިތްވޭ. އެކަމަކު ސޭކްރެޑް ގޭމްސް 2 އާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމުގެ ހުއްދައެއް ނެތް،" ސައިފް ބުންޏެވެ.

ސައިފް ބުނީ ނެޓްފްލިކްސް އާއެކު މަސައްކަތް ކުރީ ވަރަށް ކުރާ ހިތުން ކަމަށާއި، ނެޓްފްލިކްސް އިން ގެނެސްދޭ ހައުސް އޮފް ކާޑްސް އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އެއީ ފަހަރުގައި ސިގްނަލަކަށް ވެދާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދެއްކުމުގެ ހުއްދަ ނެތުމުން، އިތުރު ތަފްސީލެއް ސައިފް ނުދެއެވެ.

ޚަބަރުތައް ބުނާގޮތުން ދެވަނަ ސީޒަނުގައި 'ސޭކްރެޑް ގޭމްސް' ގެ ވާހަކަ ކުރިއަށް ގެންދާނީ ނަވާޒުއްދީން އަދި ޕަންކަޖް ތުރިޕަތީއެވެ.

އޭގެއިތުރުން ސީރީޒްގެ ޑައިރެކްޝަން އާއި ސްކްރިޕްޓް ލިޔާ ޓީމަށް ވެސް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

comment ކޮމެންޓް