ޕޭޔަރ: ގިނަ ހިދުމަތްތަކަކަށް ބިލު ދެއްކޭ އެޕްލިކޭޝަނެއް ރާއްޖޭގައި ތައާރުކޮށްފި

ޕޭޔަރ އެޕްލިކެޝަން ---

ގިނަ ހިދުމަތްތަކަކަށް އެއް ޕްލެޓްފޯމަކުން ބިލާއި ޕޭމެންޓުތައް ދެއްކޭ ދިވެހި އެޕްލިކޭޝަނެއް ފުރަތަމަ ފަހަރަށް ލޯންޗުކޮށްފި އެވެ.

"ޕޭޔަރ"ގެ ނަމުގައި ތަރައްގީކުރި މި އެޕްލިކޭޝަނުގެ ސީއީއޯ އަދި ކުޅަދާނަ ދިވެހި ޑިވެލޮޕާ އަލީ ހާރިސް ވިދާޅުވި ގޮތުގައި، މި އެޕްލިކޭޝަނުގެ މަގުސަދަކީ ހުރިހާ ޕޭމަންޓެއް އެއްތަނަކަށް ގެނެސް ފަސޭހަކަމާ އެކު ހިދުމަތްތަކަށް ފައިސާ ދެއްކޭނެ މަގު ފަހިކޮށް ދިނުމެވެ.

އެގޮތުން، މިއަދުން ފެށިގެން އުރީދޫގެ ރާސްޓަސްގެ އިތުރުން އެ ނެޓްވޯކުގެ ބިލުތަކަށް ފައިސާ ދެއްކުމާއި ދިރާގު ރީލޯޑުކުރުމާއި ލަވަފޮށި، އައިޓީއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން ނެޓްވޯކް އަދި ސްޕޮޓިފައިގެ ގިފްޓު ކާޑު ވެސް ޕޭޔަރ މެދުވެރިކޮށް ގަންނަން ލބިޭނެ ކަމަށް ހާރިސް ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތްތަނުގައި ފެނާއި ކަރަންޓު ބިލު ވެސް ޕޭޔަރ މެދުވެރިކޮށް ދެއްކުމުގެ ހިދުމަތާއި، އެހެނިހެން ހިދުމަތްތައް ވެސް އޭގެން ލިބިގެންދާނެ ކަމަށް ހާރިސް ވިދާޅުވި އެވެ.

އޮންލައިންކޮށް އެކިއެކި ބިލުތައް ދެއްކޭ އެޕްލިކޭޝަންތައް މިހާރު ވެސް ހުއްޓަސް، އެ ހުރިހާ ކަމަކަށް ޕޭޔަރ މެދުވެރިކޮށް، އެއް އެޕުން ފައިސާ ދެއްކޭނެ ކަމަށް ހާރިސް ވިދާޅުވި އެވެ.

ޕޭޔަރއިން ބުނި ގޮތުގައި، އެ އެޕް މެދުވެރިކޮށް އެއްފަހަރު ދައްކަން ބޭނުންވާ ބިލު އެޑުކުރުމުން، ކޮންމެ މަހަކު ވެސް ބިލު ތައްޔާރުވުމުން އެކަމުގެ ނޯޓިފިކޭޝަނެއް ލިބޭނެ އެވެ.

އަދި މާކެޓްގައި ހުރި އެޕްލިކޭޝަންތަކާ ހިލާފަށް އެއް އެކައުންޓަށް ވުރެ ގިނަ އެކައުންޓްތައް މެނޭޖުކޮށް، އެއްފަހަރާ އެތައް ބިލެއް ދެއްކުމުގެ ހިދުމަށް މި އެޕް މެދުވެރިކޮށް ލިބިގެން ދާނެ ކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.

މީގެ އިތުރުން ފައިނޭންޝަލް އެވެއާނެސް އިތުރުކޮށް، މަހުން މަހަށް ހިނގާ ހަރަދުތައް ޓްރެކުކުރެވޭ ފަދަ އެޕްލިކޭޝަނަކަށް ޕޭޔަރ ވެގެންދާނެކަމަށް ޕޭޔަރ އިން ބުންޏެވެ.

"ޕޭޔަރގެ އެންމެ ބޮޑު އުންމީދަކީ، ދުނިޔޭގެ އެންމެ މަގުބޫލް ޕޭމަންޓް އެޕްލިކޭޝަންތައް ކަމުގައިވާ އެލީޕޭ، ވީޗެޓްޕޭ ފެންވަރުގެ ހިދުމަތެއް ރާއްޖެއަށް ތައާރަފްކުރުމެވެ. މި ފަދަ ހިދުމަތެއް ތައާރަފްކޮށް ފުރިހަމަ ކުރުމަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް ޕޭޔަރއިން އެދެ އެވެ،" އެ އެޕް މެނޭޖުކުރާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި އެޕް، ގޫގްލް ޕްލޭސްޓޯރާއި އެޕަލް އެޕްސްޓޯރުން މިހާރު ލިބެން ހުންނާނެ އެވެ.

comment ކޮމެންޓް