ލޯބީގެ ރޯލުތައް ކުޅެން އެންމެ ފަސޭހައީ ޔޫއްޕެއާއެކު: ޝީލާ

ޝީލާ އާއި ޔޫއްްޕެ އެކުގައި...

ފިލްމުތައް ކުޅޭ އިރު ލޯބީގެ ރޯލުތައް ކުޅެން އެންމެ ފަސޭހައީ ކުޅަދާނަ ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)އާއެކު ކަމަށް މަޝްހޫރު ބަތަލާ ޝީލާ ނަޖީބު ބުނެފިއެވެ.

"ސަން"އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ޝީލާ ބުނީ، ރައްޓެހިވެގެން އުޅޭ ނުވަތަ އަންބެއްގެ ރޯލު ޔޫއްޕެއާއެކު އުނދަގޫ ކަމެއް ނެތި ކުޅެލެވޭ ކަމަށާއި ގިނަ ފިލްމު ތަކުގައި އެ ދެމީހުންގެ ކެމިސްޓްރީ ގުޅެނީ ކަމަށެވެ.

ޝީލާއާއި ޔޫއްޕެ ގިނަ ފިލްމު ތަކުގައި ކުޅެފައިވެސް ހުރީ އެކަހަލަ ރޯލުތަކެވެ. ދެމަފިރިންގެ ރޯލުތައް ގިނަ އަދަދަކަށް އެކި ޑައިރެކްޓަރުންގެ ފިލްމުތަކުގައި މިދެތަރިންނަށް ހަވާލު ކުރަނީ ވެސް އެދެތަރިން އެ ރޯލުތައް ކުޅޭލެއް ފުރިހަމަ ކަމުން ކަމަށް ވުން ވެސް އެކަށީގެންވެއެވެ.

ޝީލާ އާއި ޔޫއްޕެ ފެނިގެންދާ "4426" ގެ ޕޯސްޓަރެއް....

"އަސްލު ޔޫއްޕެއާއެކު ކުޅޭ ގިނަ ފިލްމުތަކުގަ ޝީލާ ހުންނާނީ ޔޫއްޕެގެ ވައިފް ނޫނީ ގާލް ފްރެންޑްގެ ރޯލު ކުޅެފަ. ވަރަށް ފަސޭހަ ޔޫއްޕެ އާއެކު އެކްޓު ކުރަން، ދެމީހުން ދެމީހުންނަށް ވެސް ފިލްމުގެ ސީން އަށް ވަރަށް ފަސޭހައިން ތައްޔާރުވެލެވޭ،" ގިނަ އަދަދެއްގެ ވީޑިއޯ ލަވަ ތަކުން ވެސް މަގުބޫލުކަން ހޯދާފައިވާ ޝީލާ ބުންޏެވެ.

"ޝީލާ ބުނީ، ޝޫޓިން ފެށުމުގެ ކުރިން މަންޒަރުގައި ވާންވީ ގޮތް ވަރަށް ރަނގަޅަށް ކިޔަދޭ ކަމަށާއި ގިނަ ފިލްމު ތަކުގެ ޑައިރެކްޝަން ވެސް އިއްތިފާގުން ހަދާފައި ހުންނަނީ ޔޫއްޕެކަމަށެވެ.

ފިލްމު ތަކުގައި ޔޫއްޕެއާ އިނދެގެން އުޅުނަސް "ވިލަން"ގެ ރޯލު ވެސް ކުޅެލަން އުނދަގޫ ނޫން ކަމަށް ޝީލާ ފާހަގަކުރިއެވެ.

ޝީލާ އާއި ޔޫއްޕެ އެކުުގައި ފެނިގެންދާ ފިލްމު "ބައިވެރިޔާ" ގެ ޕޯސްޓަރެއް...

މި ދެތަރިން ވަނީ ފިލްމީ ދާއިރާގައި ގިނަ ފިލްމު ތަކަކާއި ޑްރާމާ ސިލްސިލާ ތަކެއްގެ އިތުރުން ވީޑިއޯ ލަވަތަކުން ވެސް އެކުގައި ފެނިގެން ގޮސްފައެވެ. އޭގެ ތެރެއިން ވެސް ގިނަ ފިލްމު ތަކުގައި ޝީލާ ފެނިގެން ގޮސްފައި ހުންނާނީ ޔޫއްޕެގެ އަނބިމީހާގެ ރޯލުންނެވެ.

މި ދެތަރިން އެފަދަ ރޯލަކުން ފުރަތަަމަ ފެނިފައި ވަނީ ދިވެހި ފިލްމު "ހިތް ހަލާކު" އިންނެވެ. ޝީލާ ބުނަަނީ ޔޫއްޕެ އާއެކު "ލައްކަ" ފިލްމު ކުޅެވިއްޖެ ކަމަށެވެ.

ޝީލާ އާއި ޔޫއްޕެ ފެނިގެންދާނެ "ހުވާ" ގެ ޕޯސްޓަރެއް...

ޝީލާއާއި ޔޫއްޕެ ލޯބީގެ ރޯލު ތަކުން ފެނިގެންގޮސްފައިވާ ފިލްމު ތަކުގެ ތެރޭގައި "ޒުލޭހާ"، "ކަށްވަޅަށް ދާންދެން"، "ނިއުމާ"، "4426"، "ބައިވެރިޔާ"، "ހޮޔޮނުވާނެ"، "އެ ދަރިފުޅު" އަދި "އެ ބައްޕަ" ފަދަ ފިލްމުތައް ހިމެނެއެވެ.

ކުރިޔަށް ވެސް އޮތީ މި ދެތަރިން މިފަދަ ރޯލަކުން ފެންނާނެ ސީރީޒެކެވެ. އެއީ ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ވާހަކަ އެއްގެ މައްޗަށް ހަދާ ވެބް ސީރީޒް "ހުވާ" އެވެ.

comment ކޮމެންޓް