"މާމުއި"ގެ 95 ޕަސެންޓް ޝޫޓިން ނިމިއްޖެ، ކާސްޓަށާއި ކްރޫއަށް މޮގާގެ ޝުކުރު!

"މާމުއި" ގެ ޕޯސްޓަރެއްގައި އައްޒަ އާއި ރިޒްވީ...

ޑާކްރެެއިން އެންޓަޓެއިންމެންޓުން އަންނަ އަހަރު ނެރުމަށް ތައްޔާރުވަމުން އަންނަ ކޮމެޑީ ފިލްމު "މާމުއި"ގެ 95 ޕަސެންޓު ޝޫޓިން ނިންމާލެވިއްޖެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފިއެވެ.

"ސަން" އާ ވާހަކަ ދައްކަމުން މޮގާ ބުނީ ފިލްމުގެ ބޮޑުބައި ވަރަށް ފުރިހަމައަށް ޝޫޓް ކޮށް ނިންމާލެވިއްޖެ ކަމަށާއި ބާކީ ހުރި މަންޒަރުތައް ވެސް ވަރަށް އަވަހަށް ޝޫޓްކޮށް ނިމޭނެ ކަމަށެވެ.

"އަލްހަމްދުލިﷲ. ވަރަށް ބަރާބަރަށް ފިލްމުގެ 95 ޕަސެންޓްގެ ޝޫޓިން ނިމިއްޖެ، ވަރަށް ހިތް ހަމަޖެހޭ ޝޫޓިން ދާގޮތަށް،" މޮގާ ބުންޏެވެ.

ޕްރޮޑިއުސަރު މޮގާ ކޮށްފައިވާ ޕޯސްޓުގެ ސްކްރީން ޝޮޓެއް....

އިތުރަށް ވާހަކަދައްކަމުން މޮގާ ބުނީ، ފިލްމުގެ ޝޫޓިންގައި ކްރޫއާއި ކާސްޓުންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބޭ ކަމަށެވެ. އޭނާ ވަނީ ކާސްޓުންނަށާއި ކްރޫއަށް ޝުކުރު އަދާކޮށް ފޭސްބުކްގައި ޕޯސްޓެއްވެސް ކޮށްފައެވެ.

"ވަރަށް ފާގަހަކޮށްލަން ކާސްޓުންގެ ފަރާތުން ލިބޭ އެއްބާރުލުން، ހެޔޮ އެދޭ ފަރާތްތަކުން ލިބޭ އެއްބާރުލުމަށް ހަމަ ޝުކުރިއްޔާ،" މޮގާ ބުންޏެވެ.

"މާމުއި" އަކީ ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ އަލީ ޝިފާއު(ޗިއްޕެ) އާއއި އައިޝަތު ފުއާދުގެ ވާހަކަ އެއްގެ މައްޗަށް ހަދާ ފިލްމެކެވެ. އެ ފިލްމު ޑައިރެކްޓް ކުރަނީ ވެސް ޗިއްޕެއެވެ.

"މާމުއި" ގެ ޕޯސްޓަރެއްގައި މާރިޔާ ތެރިސާ...

އެ ފިލްމުގެ ދެ ލަވަ އެއްގެ އޯޑިއޯ ވަނީ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައެވެ. އަދި ފިލްމުގައި ހިމެނޭ ލަވަ "އަރައިގެން އައި އިރާއޭ" ލަވައިގެ ވީޑިއޯ ތައްޔާރު ކޮށްފައި ވަނީ މީގެ ކުރިން ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެން ދިޔަ ކުރީގެ ލަވަ ތަކެއްގެ މަންޒަރު ހިމަނައިގެންނެވެ. އެ ލަވަ ތަކަށް ދިން ޓްރިބިއުޓް އެކޭ ވެސް ބުނެވިދާނެއެވެ.

އެ ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދދަނީ ބޮޑު ކާސްޓަކާވެސް އެކުގައެވެ. ފިލްމީ ދާއިރާގެ ނަން މަޝްހޫރު ތަރިންތަކެއް މި ފިލްމުން ވެސް ފެނިގެންދާނެއެވެ. އެ ފިލްމުގައި ތަރުންގެ މޭކަޕް ކޮށްފައިވަނީ އެ ފިލްމުގައި ފެނިގެންދަނީ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ އިސްމައިލް ޖުމައިހް (ޖުމާ) އަދި މަރިޔަމް މަޖުދާ (މަޖޫ) އަދި މަޝްހޫރު މޭކަޕް އާޓިސްޓު ސޭންޑީގެ ފަރި މޭކަޕް ތަކެވެ.

"މާމުއި" ގެ ޕޯސްޓަރެއްގައި ޝީލާ...

ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. ފިލްމު މާމުއި އިން މި ދާއިރާ އަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެއެވެ.

"މާމުއި" ގެ ޕޯސްޓަރެއްގައި ޔާދާ...

"މާމުއި" ގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް