ޕީޕީއެމް 75,000 ރުފިޔާއިން ޖޫރިމަނާ ކުރަން އީސީއިން ނިންމައިފި

29 ސެެޕްޓެމްބަރ 2018: ރިޔާސީ އިންތިހާބްގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 75،000 ރުފިޔާ އިން ޖޫރިމާނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ޕީޕީއެމް ޖޫރިމަނާ ކުރަން ނިންމީ އެ ކޮމިޝަނުގެ މެމްބަރުންގެ އަދި ކޮމިޝަނުގެ އިންޓްގްރިޓީ ގެއްލޭ ގޮތަށް އެ ޕާޓީން ބޭއްވި އެއްވުންތަކެއްގައި ވާހަކަ ދެއްކި މައްސަލައާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން ކޮމިޝަނުގެ މެމްބަރުންނަށް ކޮމިޝަނަށް، ކޮމިޝަނުގެ އިންޓެގްރިޓީ ގެއްލޭ ފަދަ ގޮތްގޮތަށް އަމަލުކުރުން ހުއްޓާލުމަށް އަޅުގަނޑުމެން ވާނީ މީގެ ކުރިން ސިޓީ ފޮނުވާފައި. އަދި އެކަން ނުހުއްޓުވާލައިފި ކަމަށްވަންޏާމު ފިޔަވަޅު އަޅާނެ ކަަމަށް ވެސް އަޅުގަނޑުމެން ދަންނަވާފައި ވަނީ." ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނުން ޕީޕީއެމް ޖޫރިނަމާ ކުރަން ނިންމީ އިލެކްޝަނުން ބުނެފައިވާ ކަންކަން ހުއްޓާ ނުލުމުން ކަމަށެވެ.

ޕީޕީއެމް ޖޫރިމަނާ ކުރަން އިލެކްޝަނުން ނިންމީ ކޮން ގަވާއިދެއްގެ ދަށުން ކަމެއް އެ ކޮމިޝަނުން ސާފުކޮށްދީފައެއް ނުވެ އެވެ. އަދި ޖޫރިމަނާ ދައްކަން ކިހާ މުހުލަތެއް ދިންކަމެއް ވެސް ސާފުކޮށްދީފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް ބައެއް ސިޔާސީ ޕާޓީތައް ޖޫރިމަނާކޮށްފައިވެ އެވެ. ނަމަވެސް ކޮމިޝަނުގެ މެމްބަރުންގެ އިންޓްގްރިޓީއަށް ގެއްލުވާ ކަމެއް ކޮށްގެން ޕާޓީއެއް ޖޫރިމަނާ ކުރިކަން ސާފެއް ނުވެ އެވެ.

comment ކޮމެންޓް