ދިރިއުޅުން އާރާސްތުކުރުމަށް ތައުލީމަކީ ވަރަށް މުހިންމު އެއްޗެއް: ސިޔާމް

މިދޫ ދައިރާގެ މެމްބަރު ސިޔާމް ބަނޑިދޫ ސްކޫލްގެ ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/މުޒައްޔިން

ދިރިއުޅުން އާރަސްތުކުރުމަށް ތައުލީމު އުގެނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދައިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރޭ ދ. ބަނޑިދޫ ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި ސިޔާމް ވިދާޅުވީ ތައުލީމް އުގެނެފައިވާ މީހަކު ކޮންމެ ތަނަކަށް އެއްލާލިޔަސް ނުވަތަ ކޮންމެ ތަނަކަށް ދިރިއުޅެން ދޫކޮށްލިޔަސް އެ މީހެއްގެ ހަޔާތް އުނދަގޫ ނުވާނެ ކަމަށެވެ.

ބަނޑިދޫ ހިމެނޭ ދައިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ސިޔާމް ވިދާޅުވީ، ތިމާގެ އެންމެ ފުރަތަމަ ސްކޫލެއް ކަމުގައި މިވަނީ ތިމާގެ މަންމަގެ އުނގު ކަމަށާއި މަންމަގެ އުގުން ފެށިގެން ކަށްވަޅަށް ދާންދެން ކިޔެވުމުގައި ދެމިތިިބުމަށް ބުނަނީ އޭގެ މުހިންމު ކަމުން ކަމަށެވެ.

ސިޔާމް ވިދާޅުވީ ދަރިވަރުން ކިޔަވާ އިރު އެ ދަރިވަރުންގެ ވަގުތު އެންމެ ބޭނުންތެރި ގޮތުގައި ހިފުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށާއި ވަގުތަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

"މިއަދު ކުރަން ޖެހޭކަމެއް އަޅުގަނޑުމެންނަށް ނުކުރެވޭ ކަމުގައި ވާނަމަ އިތުރަކަށް މާދަމާ އެއް ނާންނާނެ. ދެން އަންނާނީ އެހެން ދުވަހެއް. އެހެންވީމާ ވަގުތަކީ ވަރަށް މުހިންމު އެއްޗެއް،" އެމްޑީއޭގެ ލީޑަރު ސިޔާމް ވިދާޅުވި އެވެ.

މިދޫ ދައިރާގެ މެމްބަރު ސިޔާމް ބަނޑިދޫ ސްކޫލް އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ

އެ ސުކޫލްގެ ރަން ވަނަ ހާސިލު ކުރި ދަރިވަރަށް އިނާމް ދިނުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ އިނާމް ހާސިލް ނުކުރެވޭ ކުދިން މާޔޫސްވާން ނުޖެހޭ ކަމަށާއި އެކުދިން އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"ކާމިޔާބު ނުވުމަކީ ކާމިޔާބުވުމުގެ އަސްލު ތަޅުދަނޑި. ކާމިޔާބު ނުވާ ކުދިން އިތުރަށް މަސައްކަތްކޮށްގެން، ކާމިޔާބު ވާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" އިނާމް ހާސިލް ނުވާ ކުދިންނަށް ހިތްވަރު ދެއްވަމުން ސިޔާމް ވިދާޅުވި އެވެ.

މީދޫ ދައިރާ މެމްބަރު ސިޔާމް ބަނޑިދޫ ސްކޫލްގެ މުވައްޒިފުންނާ އެކު -- ސަން ފޮޓޯ

އެ ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާގައި ވަނީ މިދިޔަ އަހަރު ރަން ވަނަ ހާސިލް ކުރި ދަރިވަރު އަދި އެކި މާއްދާތަކުން ވަނަ ހޯދި ކުދިންނަށް ވަނީ ޓްރޮފީ ދީފަ އެވެ. އަދި ޓީޗަރުންނާއި އެ ސްކޫލަށް އެކި ގޮތްގޮތުން އެހީތެރި ވެދެއްވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފަ އެވެ.

މި ޖަލްސާގައި "ރަފީ" ޖަމިއްޔާގެ ޗެއާމަން އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

comment ކޮމެންޓް