ޑރ. އަފްރާޝީމްގެ މަރާ ބެހޭގޮތުން އެނގޭ މައުލޫމާތު ދޭނަން: ރިޔާޒް

12 ޖުލައި 2017 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަހުމްކުޑަކޮށް އަވަހާރަކޮށްލި ކުރީގެ އޫނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެނގޭ ހުރިހާ މައުލޫމާތެއް ދެއްވާނެ ކަމަށް އެ ހާދިސާ ހިނގައި ދިޔަ އިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަށްލީ ރިޔާޒް ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށެވެ. އޭނާއަށް އަފްރާޝީމްގެ މަރާ ގުޅޭ މައުލޫމާތު އެނގޭ ކަމުގެ ތުހުމަތުކޮށް އެ މައުލޫމާތު ހާމަ ކުރުމަށް ވެސް މީގެ ކުރިން ބައެއް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.

މިރޭ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ ރިޔާސީ ކޮމިޝަނެއް ނަގައިގެން ކަމުގައި ވިޔަސް، ފުލުހުންގެ ތެރެއިން ކަމުގައި ވިޔަސް، މަޖިލީހުގެ ތެރެއިން ކަމަށް ވިޔަސް، ކޯޓުގެ ތެރެއިން ކަމަށް ވިޔަސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި ޑރ. އަފްރާޝީމްގެ މަރު ތަހުގީގު ކުރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމު ފަދަ ޕަބްލިކް ޕޯސްޓުތަކުގައި ހުންނަ އިރު ހާމަ ނުކުރެވޭނެ މައުލޫމާތުތައް ހުންނަ ކަމަށެވެ.

"އަޅުގަނޑުމެން ޕަބްލިކް އޮފިޝަލުންނަކަށް އެކަންކަމެއް ހާމައެއް ނުކުރެވޭނެ. އަޅުގަނޑު ހަމަ ފުރުސަތަކަށް ބަލަބަލާ މިހިރީ އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތަކީ ކޮބައިކަން މަޖިލީހުގެ ކޮމެޓީއަކުން ކަމުގައި ވިޔަސް، އެއީ ޝަރުއީ ކޯޓުގެ ތެރެއިން ކަމުގައި ވިޔަސް، އަދި ރިޔާސީ ކޮމިޝަނަކުން ކަމުގައި ވިޔަސް އަދި ފުލުހުންގެ މުއައްސަސާއިން ބަލާ ކަމުގައިވާ ނަމަވެސް، އަޅުގަނޑާ ހިސާބަށް އެކަންކަމާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތު އަޅުގަނޑު ހިއްސާ ކުރާނަން."

އޭނާ ވިދާޅުވީ ސޯޝަލް މީޑިއާގައި އެ މައުލޫމާތު ހިއްސާ ކުރަން ގޮވާލި ނަމަވެސް އެއީ އެންމެ ޒިންމާދާރު ގޮތް ނޫންކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އަދި ރައްޔިތުން ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ކަންބޮޑުވާ ކަމަކީ އެ ތަހުގީގަށް އެނގިފައިވާ ކަންކަން ރައީސް ޔާމީންގެ ދައުރުގެ ތެރޭގައި ރައްޔިތުންނަށް ހާމަކޮށްފައި ނުވާތީ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

comment ކޮމެންޓް