ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާގެ ހުރިހާ ހަގީގަތްތަކެއް އަންގާރަދުވަހު ހާމަކުރާނަން: އުރުދުޣާން

އިސްތަންބޫލް (އޮކްޓޯބަރ 21) : އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި ސައޫދީ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާގެ ހުރިހާ ހަގީގަތްތަކެއް އަންނަ އަންގާރަދުވަހު ހާމަކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އިސްތަންބޫލްގައި ނިމުނު ތަރައްގީގެ މަޝްރޫޢެއް އިފްތިތާޙް ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ޚާޝުގްޖީ އަވަހާރަކޮށްލި މައްސަލައިގެ ހަގީގަތްއޮތީ ސައޫދީ ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތާ ތަފާތުގޮތަކަށް ކަމަށާ އެކަމުގެ ހަގީގަތް ހާމަކުރުމަށް އެއްވެސް ގައުމެއް ދެކެ އޭނާ ޖެހިލުންވެ ވަޑައިނުގަންނަވާނެ ކަމުގައެވެ. މިއީ ސައޫދީ ސަރުކާރަށް ކުރެއްވި އިޝާރާތެއްކަމަށް ބެލެވެއެވެ.

އުރުދުޣާން ވިދާޅުވީ ކޮންސިއުލޭޓް ތެރޭގައި ޚާޝުގްޖީ އަވަހާރަވި ކަމަށް ސައޫދީ މަސްއޫލުވެރިން ވިދާޅުވާއިރު އޭނާގެ ހަށިގަނޑު ފޮރުވަންވީ ސަބަބާ އަދި މިހާތަނަށްވެސް އޭނާގެ ހަށިގަނޑު އޮތްތަނެއް ސައޫދީ ސަރުކާރުން ނުބުނެދޭ ކަމުގައެވެ. މިކަންކަމުގެ ސަބަބުތައް އަންގާރަދުވަހު އޭނާ ދެއްވާ ޚިތާބުން ހާމަވެގެންދާނެ ކަމުގައެވެ. މީގެއިތުރުން ސައޫދީ 15 މީހުން ޖެޓެއްގައި ކުއްލި ގޮތަކަށް އިސްތަންބޫލް އެއާޕޯޓަށް އައިސް ޚާޝުގްޖީ ކޮންސިއުލޭޓަށް ވަނުމާއެކު އެމީހުން އެތަނަށް ވަނީ ކީއްވެގެންކަން އެނގެންޖެހޭ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. އަދި ޚާޝުގްޖީ އަވަހާރަވިކަމަށް ސައޫދީ ސަރުކާރުން ކުރިން އެއްބަސް ނުވެފައި ފަހުން އެއްބަސްވީ ކީއްވެގެންތޯވެސް ސާފުވާންޖެހޭ ކަމަށާ އަދި ޚާޝުގްޖީ ގެ އަވަހާރަވި ކަމަށް އެއްބަސްވުމަށްފަހު ސައޫދީ މަސްއޫލުވެރިން އެކަމާބެހޭ މައުލޫމާތު ދެފަހަރު ދެގޮތަށް ހާމަކުރެއްވީ ކީއްވެގެންކަންވެސް އެނގެންޖެހޭ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން ވިދާޅުވީ އަންގާރަދުވަހު އޭނާ ދެއްވާ ތަގްރީރުގައި މިހުރިހާ ކަމެއް ސާފުކޮށްދެއްވާނެ ކަމަށާ ޚާޝުގްޖީގެ މަރާބެހޭ ހުރިހާ ކަމެއް އެމައްސަލަ ބަލާ ތުރުކީ ފުލުހުންގެ ތަހްގީގް ޓިމަށް މިހާރު ސާފުވެފައިވާ ކަމުގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިމައްސަލާގައި އެކިފަހަރު އެކިގޮތަށް ބަޔާންތައް ދެއްވަމުންނެވެ. ޓްރަމްޕް އެއްފަހަރު ސައޫދީ ސަރުކާރު ކުށްވެރި ކުރައްވާއިރު އަނެއްބައި ފަހަރު ގެންދަނީ ސައޫދީ ސަރުކާރަށް ތާރީފް ކުރައްވަމުންނެވެ. އަދި ސައޫދީ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްއަޅާނެ ކަމުގެ އިންޒާރު ބައެއްފަހަރު ދެއްވާއިރު އަނެއްބައިފަހަރު ޓްރަމްޕް ވިދާޅުވަނީ ފިޔަވަޅު އެޅުމުން ސައޫދީ އަށްވުރެ ބޮޑަށް ގެއްލުން ލިބޭނީ އެމެރިކާއަށް ކަމުގައެވެ.

ސައޫދީ ސަރުކާރުން މިއަދުވަނީ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި ޚާޝުގްޖީ އަވަހާރަކޮށްލި މައްސަލާގައި ހޮނިހިރު ދުވަހު ނެރުނު ބަޔާނާ ތަފާތު ބަޔާނެއް ނެރެފައެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކުންވަނީ އެބަޔާންވެސް ގަބޫލުނުކުރެވޭނެ ކަމަށާ އަދިވެސް ސައޫދީ ގެންދަނީ އެމައްސަލައިގެ ހަގީގަތް ސިއްރު ކުރަމުން ކަމަށް ބުނެ ހަގީގަތް ހާމަކުރުމަށް ސައޫދީ އަށް ގޮވާލާފައެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް