ރައީސް ފުރާވަޑައިގަތުމަށް ފުރުސަތު ނުދެއްވާ ތަހުގީގު ފެށުމަށް ގޮވާލައިފި

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު މިއަދު ހަސަން ލަތީފު ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒް މޫސާ

ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ފުރުސަތު ނުދީ އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމުގެ ތަހުގީގު ފެށުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފި އެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބު ބާތިލު ކުރަން ނުޖެހޭ ކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް ފަހު، ކޯޓު ބޭރުގައި މިއަދު މީޑިއާތަކާ ވާހަކަ ދައްކަމުންނެވެ.

ހަސަން ލަތީފު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭޭ ބޮޑެތި މައްސަލަތައް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި، އެކަންކަމުގެ ތަހުގީގު ވީހާވެސް އަވަހަށް ފަށަަން ޖެހޭ ކަމަށެވެ.

"ރައީސް ޔާމީނުގެ މައްޗަށް ކުރެވިފައި ހުރި ބޮޑެތި ތުހުމަތުތަކެއް އެބަހުރި ފުލުސް އޮފީހަށް ހުށަހެޅިފައި. ވައްކަމާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ. އެ މައްސަލަތައް ހަމަ ވަގުތުން މިހާރުން މިހާރަށް އެބަ ތަހުގީގު ކުރަންޖެހޭ. އެ މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ރާއްޖޭގައި ބަންދުކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" ހަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ބޭރަށް ފުރާވަޑައިގެންފި ނަމަ އެކަމުގައިި ބައިވެރިވި ހުރިހާ ފަރާތްތައް ޒިންމާވާން ޖެހޭނެ ކަމަށެވެ.

"ރައީސް ޔާމީން މި ވަގުތު ފުރާވަޑައިގެންފި ނަމަ އަދި ފުރާވަޑައިގަތުމުގެ ސަބަބުން މައްސަލަ ތަހުގީގު ކުރުން ލަސްވާ ނަމަ، ނުވަތަ އެކަން ނުކުރެވޭ ކަމަށްވާ ނަމަ، ރައީސް ޔާމީން ފުރުވާލުމުގައި ބައިވެރިވި ހުރިހާ ފަރާތެއް ޒިންމާ ވާންޖެހޭނެކަމަށް ވެސް އަޅުގަނޑުމެން ދެކެން،" އޭނާ ވިދާޅުވި އެވެ.

އިންތިހާބުން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ރައީސް ޔާމީން ވިދާޅުވެފައި ވަނީ ރައީސް ކަމުގެ ހައިސިއްޔަތު ގެއްލިވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ. ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރާ ވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމްގެ ލީޑަރުން ދަނީ ބުނަމުންނެވެ.

ކުރީގެ ރައީސް ނަޝީދު އާއި އިދިކޮޅުގެ އެހެން ބައެއް ލީޑަރުން ރާއްޖެ ދޫކޮށް ބޭރަށް ދިރިއުޅުން ބަދަލުކުރެއްވުމުން މީގެ ކުރިން ރައީސް ޔާމީން އެ ބޭފުޅުންނަށް ފާޑުވިދާޅުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް