މަޖިލީހުގެ ގޮނޑި އިތުރުވާނީ މައްޗަންގޮޅިއަށާއި ހެންވޭރަށް

އިލެކްޝަންސް ކޮމިޗަނުގެ މެންބަރު އަކްރަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ބާއްވާ އާންމު އިންތިޚާބުގައި މާލޭގެ ދެ ދާއިރާ އަކަށް ގޮނޑި އިތުރުވާނެ ކަމަށާއި ލަފާކުރެވެނީ ގޮނޑި އިތުރުވާނީ ހެންވޭރަށާއި މައްޗަންގޮޅިއަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ރޭ ސަންގު ޓީވީގައި ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި މާލެ ސަރަހައްދަށް ދެ ގޮނޑި އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ލަފާ ކުރެވެނީ ގޮނޑި އިތުރުވެގެންދާނީ މައްޗަންގޮޅިއަށާއި ހެންވޭރަށް ހެން،" އަކްރަމް ވިދާޅުވީ ގާނޫނުގެ ތެރެއިން އެންމެ މަތީ އަދަދަށް ބަލާއިރު އެއް ގޮނޑި ވެސް އިތުރު ކުރެވިދާނެ ކަމަށާއި މިހާރު އޮތްގޮތަށް ބޭއްވިވެސް ދާނެ ކަމަށެވެ.

އިންތިހާބު އިއުލާން ކުރުމުގެ ކުރިން ދާއިރާތައް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށާއި އެކަން ކުރުމުގައި ޕާޓީތަކާއި ދާއިރާތަކުގެ ރައްޔިތުންގެ މަޝްވަރާ ހޯދާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ބައެއް ދާއިރާގެ އިން ވަކިކުރެވިފައިވާ ގޮތަށް ވެސް ބަދަލު އަންނަ ކަމަށެވެ. އެގޮތުން އައްޑޫ އާއި ފުވައްމުލަކު ސިޓީގައި އިން ވަކިކުރާ ގޮތަށް ބަދަލު އަންނަ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ދެ ސިޓީގެ ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.

"ކޮންމެވެސް ވަރަކަށް ދާއިރާތަކުގެ ނަންތައް ވެސް ބަދަލުކުރެވިގެންދާނެ. މިހާރު ވެސް ފަހަގަކުރެވިފައި އެބަހުރި ގިނަ ދާއިރާތަކެއް. އަބަދު ވެސް ނަންތައް ކަނޑައަޅާއިރު މި ފާހަގަކުރަނީ އެ ދާއިރާއެއްގައި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށަށް އެ ދާއިރާގެ ނަން ގުޅުވާގޮތަށް،"

އަކްރަމް ވިދާޅުވީ ދާއިރާތަކަށް އަންނަ ބަދަލުތަކާ އަލަށް އުފެދޭ ދާއިރާތައް އަދި ނަންތައް އަންނަ މަހު އިއުލާނު ކުރާނެ ކަމަށެވެ.

އާންމު އިންތިޚާބަށް ބޭނުންވާ ބަޖެޓު އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

comment ކޮމެންޓް