ވާވޭއިން ފަތްޖަހާލެވޭ 5ޖީ ފޯނެއް އުފައްދަނީ

ވާވޭއިން ފަތްޖަހާލެވޭ 5ޖީ ފޯނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވާވޭ މޭޓް20 ރިލީޒްކުރަން މިދިޔަ ހަފްތާ ބޭއްވި އިވެންޓުގައި އެ ކުންފުނީގެ ރައީސް ރިޗާޑް ޔޫ ވިދާޅުވީ މި ފޯނު އަންނަ އަހަރު ބާޒާރަށް ނެރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވާވޭއިން މިހާރު ވެސް ދަނީ 5ޖީ ޗިޕެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. 5ޖީ ޓެކްނޮލަޖީ ސަޕޯޓުކުރާ ފޯނެއް ވާވޭއިން އުފައްދަން ނިންމާފައިވާއިރު، 5ޖީ ސަޕޯޓުކުރާ ޑިވަސްތަކަށް ހާއްސަ ޗިޕް އުފެއްދުމަށް ވާވޭއިން ވަނީ 600 މިލިއަން ޑޮލަރު އިންވެސްޓު ކޮށްފައެވެ.

ވާވޭއިން ފަތްޖަހާލެވޭ ފޯނެއްގެ މަސައްކަތް ކުރަމުން އަންނައިރު ވާދަވެރި ސެމްސަންގުންވެސް ދަނީ ފަތްޖަހާލެވޭ ފޯނެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އަންނަ މަހު ބާއްވާ ސެމްސަންގުގެ ޑިވެލޮޕާސް ކޮންފަރެންސްގައި މި ފޯނުގެ އާ ވާހަކަތަކެއް އިވޭނެ ކަމަށް ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް