އަމިއްލަ ދަނޑުގައި ރެއާލް، ލެވަންޓޭ އަތުން ބަލިވެއްޖެ

މިއަދު ރެއާލްއާ ލެވަންޓޭ ބައްދަލު ކުރި މެޗުގެ ތެރެއިން---

ރެއާލްގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކޮށް ލެވަންޓޭއިން އެ ޓީމު ލަދުގަންނަވާލައިފިއެވެ.

މިރޭ ސްޕެނިޝް ލީގުގައި ރެއާލްއާ ލެވަންޓޭ ބައްދަލު ކުރި މެޗު ނިމުނީ 2-1ގެ ނަތީޖާއިން ލެވަންޓޭ މޮޅުވެގެންނެވެ. އެ ނަތީޖާއާއެކު ރެއާލް އޮތީ 14 ޕޮއިންޓާއެކު ސްޕެނިޝް ލީގުގެ ފަސް ވަނައިގައެވެ.

ރެއާލްއިން މުޅި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ކުޅުނު ނަމަވެސް ފުރަތަމަ ހާފުގެ ކުރީކޮޅު ލެވަންޓޭއިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ގޯލު މެޗުގެ ހަވަނަ މިނެޓުގައި ކާމިޔާބު ކުރި އިރު ދެވަނަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

މެޗުގައި ރެއާލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށް ދިނީ ޑިފެންޑަރު މާސެލޯއެވެ. އެ ގޯލަކީ އޭނާ ކުރިއަށް އަރައި އޭރިއާގެ ތެރެއިން ނެގި ބާރު ޝޮޓަކުން ކާމިޔާާބު ކުރި ގޯލެކެވެ.

މިއަދު މާސެލޯ ޖެހި ގޯލަކީ ރެއާލްއަށް ގޯލެއް ނުޖެހޭތާ 481 މިނެޓު ވެފައި ވަނިކޮށް ޖެހި ގޯލެކެވެ. މިއީ ރެއާލްގެ ތާރީހުގައިވެސް ގޯލެއް ނުޖެހި އެންމެ ދިގުލައިގެން ދިޔަ ފަހަރެވެ.

މިއީ ރެއާލް މޮޅަކާ ނުލައި ޖެހި ޖެހިގެން ނިންމާލަން ޖެހުނު ފަސްވަނަ މެޗެވެ. މެޑްރިޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗަށް ބަލާއިރު ސެވިއްޔާ އަތުން 3-0 އިން ބަލިވެ އަދި ޑިޕޯޓިވޯ އަލަވޭސް އަތުން 1-0 އިން ބަލިވެ އެތުލެޓިކޯ މެޑްރިޑާ ވަނީ 0-0 އިން އެއްވަރުވެފައެވެ. އަދި އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން 1-0 އިން ބަލިވެފައެވެ.

ފަހަކަށް އައިސް ރެއާލްގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުންދާއިރު އެ ޓީމުގެ ކޯޗް ލޮޕެޓެގުއީއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. ކުރިއަށް އޮތް އެލް ކްލެސިކޯ މެޗުން ރެއާލް މޮޅުނުވެއްޖެނަމަ އޭނާ މަގާމުން ވަކިކޮށް، އެންޓޯނިއޯ ކޮންޓޭއަށް ކޯޗު ކަމުގެ މަގާމު ދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް