ކިއްސަރު ކަޕުގައި ބައިވެރިވާން ހުޅުވާލައިފި

ކިއްސަރު ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އެސްސީ ބަފާނާ--- ފޮޓޯ: އެސްސީ ބަފާނާ

ގއ. އަތޮޅުގެ ރަށްތަަކަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތް "ކިއްސަރު ކަޕް"ގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކިއްސަރު ކަޕަކީ ގއ. ކޮނޑޭގެ ޖަމިއްޔާއެއް ކަމަށްވާ ކިއްސަރު ޖަމިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ. 2004 ވަނަ އަހަރު އެ މުބާރާތް އެންމެ ފުރަތަމަ ބޭއްވި ފަހުން މެދުނުކެނޑި ކޮންމެ ދެ އަހަރަކުން އެއް އަހަރު ދަނީ އެ މުބާރާތް ބާއްވަމުންނެވެ.

މި އަހަރު އެ މުބާރާތް ބާއްވަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް ގއ. ކޮނޑޭ ފުޓްސަލް ދަނޑުގައެވެ.

އަމިއްލަ ޓީމުތައް އުފައްދައިގެން އެ މުބާރާތުގައި ބައިވެރިވުމަށް މިހާރު ހުޅުވާލާފައިވާ އިރު މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ ނޮމެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެ މުބާރާތުގައި ގއ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ ކޮންމެ ޓީމަކަށް ބައިވެރިވެވޭނެއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް 8000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން ބޭއްވި ކިއްސަރު ކަޕްގެ ޗެމްޕިއަންކަން ހޯދީ އެސްސީ ބަފަނާ އިންނެވެ. އަދި ރަނަރަޕް ޓީމަކަށްވީ ކްލަބް ޕިންކް ސްޓްރީޓްއެވެ.

ކޮނޑޭއަކީ ގިިނަ އަދަދެއްގެ ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެދިފައިވާ ރަށެކެވެ. އެ ކުޅުންތެރިންގެ ހުނަރު ކިއްސަރު ކަޕުގައި ފެނިގެންދާއިރު ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ކުޅުންތެރިންގެ ހުނަރުވެސް މުބާރާތުގައި ފެނިގެންދެއެވެ.

comment ކޮމެންޓް