އީރާނުން އަލިފާނާ ކުޅެމުން ގެންދާ ކަމަށް ބުނެ އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރެއްދީފި

ވޮޝިންގޓަން (ސެޕްޓެމްބަރ 23): އީރާނުގެ އެހީތެރިކަމާއި މަދަދުލިބޭ އިރާގުގެ ޝިޔަޢީ ހަނގުރާމަވެރި މިލީޝިޔާތަކުން އިރާގުގައި ތިބި އެމެރިކާ ސިފައިން މަރަމުން ގެންދާ ކަމަށާ މިކަމާމެދު އަތްއުރާލައިގެން ނޯންނާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މައިކް މުލެން، އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ސެނެޓްގެ ދިފާއީ ކަންކަމާބެހޭ ކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން މައިކް މުލެން ވިދާޅުވީ އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް ހަމަލާދޭ ޖަމާއަތްތަކަށް އީރާނުން އެހީތެރިވުމަކީ އަލިފާނާ ކުޅުން ކަމުގައެވެ.

އީރާނަށް އިތުރަށް އިންޒާރު ދެއްވަމުން މުލެން ވިދާޅުވީ އިރާގުގެ ޝިޔަޢީ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތަކުގައި އެމެރިކާ ސިފައިން މަރުވަމުންދާ ދިޔުން ތަކުރާރުވާނަމަ އެކަމުގެ ހިތިރަހަ އީރާނަށް ފެނިގެންދާނެ ކަމުގައެވެ. ނަމަވެސް އިރާގުގެ ހަނގުރާމަވެރިން ހަމަލާތަކުން ސަލާމަތް ވުމަށް ނުކުޅެދިފައިވާ އެމެރިކާ އީރާނާ ދެކޮޅަށް އަޅާނީ ކޮންފިޔަވަޅެއްކަން މުލެން ހާމައެއް ނުކުރައްވަ އެވެ.

މުލެންއާއެކު ސެނެޓްގެ ކޮމިޓީގެ ކުރިމަތީގައި ވާހަކަދެއްކެވި އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ބެނީޓާ ވެސް މިމައްސަލާގައި އީރާނަށް އިންޒާރު ދެއްވިއެވެ. ބެނީޓާ ވިދާޅުވީ އީރާނުން އިރާގުގައި ހިންގާ ހަރަކާތްތައް ތަކުރާރުވަމުންދާނަމަ އެކަމާއަޅާނުލާ އެމެރިކާ ނޯންނާނެ ކަމުގައެވެ.

އިރާގުން އެމެރިކާގެ އިސްތިޢްމާރީ ބާރުތައް ފައްސާލުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުން ދެމުންގެންދާ ފިދާއީ ހަމަލާތަކުގައި އެމެރިކާ ސިފައިން މަރުވަމުންދާތާ އެތަށް އަހަރެއްވެފައިވާއިރު މިޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް އެމެރިކާ ތުހުމަތުކުރަނީ އީރާނަށް ނިސްބަތްވާ އިރާގުގެ ޝިޔަޢީ ޖަމާއަތްތަކާއި އަލްގައިދާއަށް ނިސްބަތްވާ އިރާގުގެ ސުންނީ ޖަމާއަތްތަކެވެ.

މިފަދަ އިންޒާރުތަކައެކުވެސް އީރާނާދެކޮޅަށް ބަހުގެ ޙަމަލާތައް ދިނުން ފިޔަވައި އެހެންކަމެއް މިހާތަނަށް އެމެރިކާއަށް ކުރެވިފައެއްނުވެއެވެ. މުލެންއާއި ބެނީޓާ، އީރާނަށް އިންޒާރުދެއްވައި ވާހަކަދެއްކެވީ އިރާގުގެ ހަނގުރާމަވެރިން ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 14 މީހަކު މަރުވުމާ ގުޅިގެންނެވެ.

އިރާގުގެ ހަނގުރާމަވެރިންގެ ހަމަލާތަކަށް ކެތްނުކުރެވިގެންނާއި ހަނގުރާމައިގެ ހަރަދު ބޮޑުކަމުން އެމެރިކާގެ އިގުތިސާދަށް ލޮޅުން އަރަމުންދާތީ މިއަހަރުގެ ޑިސެމްބަރ ނިމުމުގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން އިރާގުން ބޭލުމުގެ މަސައްކަތް އެމެރިކާ ގެންދަނީ ވަރަށް ބާރަށް ކުރަމުންނެވެ. (އަލްޖަޒީރާ/ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު