ފަހު ވަގުތު ޖެހި ގޯލުން ޔުނައިޓެޑު އަތުން ޗެލްސީ ސަލާމަތްވެއްޖެ

ގޯލު ޖެހުމަށް ފަހު ޗެލްސީގެ ބާކްލީ އުފާ ފާޅު ކުރަނީ--- ފޮޓޯ: ގާާޑީއަން

މެޗުގެ 90 މިނެޓު ކުޅެ ނިމުމުން ލިބުނު އިތުރު ވަގުތުގެ ހަ މިނެޓުގެ ތެރޭގައި ޖެހި ގޯލުން ޗެލްސީ މެންޗެސްޓާ ޔުނައިޓެޑު އަތުން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

މިއަދު އެ ދެ ޓީމު ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 އިން އެއްވަރުވެގެންނެވެ. އެ ނަތީޖާއާއެކު ޗެލްސީ އޮތީ އެއް މެޗު އިތުރަށް ކުޅެގެން 21 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ.

ނަމަވެސް، މިރޭ ލިވަޕޫލް އަދި މެންޗެސްޓާ ސިޓީ ކުޅޭ މެޗުތަކުން މޮޅުވެއްޖެނަމަ ޗެލްސީ ލީގުގެ ތިންވަނައަށް ވެއްޓޭނެއެވެ. 20 ޕޮއިންޓާއެކު ސިޓީ ދެވަނައިގައި އޮތީ، ޕޮއިންޓުގެ ގޮތުން ލިވަޕޫލްއާ އެއްވަރުވި ނަމަވެސް ޖެހި ގޯލުގެ ތަފާތުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލު ކުރި ޗެލްސީއިންނެވެ. 21 ވަނަ މިނެޓުގައި އެ ގޯލު ބޮލުން ކާމިޔާބުކުރީ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއެވެ.

ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެދުތެރޭގައި ކުޅޭ ޕޮގްބާ އަދި ފޯވަޑްލައިނުގައި ހިމެނޭ ލުކާކޫ އަދި މާސިއާލްގެ ކުޅުން ފާހަގަ ކުރެވުނެވެ.

ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކުރީވެސް މާސިއާލްއެވެ. އެ ގޯލަކީ މެޗުގެ 55 ވަނަ މިނެޓުގައި އޭރިއާގެ ތެރެއިން ލިބުނު ހުސް ފުރުސަތެއްގެ ބޭނުން ހިފައިގެން އޭނާ ކާމިޔާބު ކުރި ގޯލެކެވެ. މެޗުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީވެސް މާސިއާލްއެވެ. އޭނާގެ ދެވަނަ ގޯލަކީ ރަޝްފޯޑުގެ ޕާހަކުން، އޭރިއާގެ ތެރޭގައި ހުރެފައި ބާރު ހަމަލާއެއް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ޔުނައިޓެޑުން ލީޑު ނެގުމާއެކު ޗެލްސީއިން ވަނީ އަނބުރާ މެޗުގެ ކޮންޓްރޯލު އަތުލުމަށް މަސައްކަތް ކޮށްފައެވެ. އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ފަހު ވަގުތު ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ތިރީސް ސިކުންތަށްވެފައި ހުއްޓާ ގޯލު ކުރިމަތިން ލިބުނު ހުސް ފުރުސަތެއްގައި ރޮސް ބާކްލީ މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. އޭނާއަށް ގޯލު ޖަހަން ފުރުސަތު ލިބުނީ ޗެލްސީގެ ކުޅުންތެރިއަކު ފޮނުވާލި ޝޮޓެއް ގޯލުގެ ދަނޑީގައި ޖެހިފައި އޭނާއާ ދިމާލަށް އައުމުންނެވެ.

ޗެލްސީގެ ގޯލަށް ފަހު އެ ކްލަބުގެ ސްޓާފަކު ޔުނައިޓެޑުގެ ކޯޗު މޮރީނިއޯގެ ކުރިމަތީގައި އުފާ ފާޅުކުރުމުން، މޮރީނިއޯ ރުޅިގަދަވެ އޭނާއަށް ހަމަލާ ދޭން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޔުނައިޓެޑުގެ ސްޓާފުން ވަނީ އޭނާ ހުއްޓުވާފައެވެ.

ފަހަކަށް އައިސް ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން މޮރީނިއޯއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. އޭނާ މަގާމުން ވަކިކުރުމަށް ފަހު ޒައިނުއްދީން ޒިދާން މަގާމަށް ގެންނަން އުޅޭކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

comment ކޮމެންޓް