ޚާއްސަ ކަންތައްތަކަކާ އެކު ދިރާގު ރޯޑް ރޭހުގެ ބައިވެރިންނަށް ބިބް ދޫކަރަން ފަށައިފި

ދިރާގު ރޯޑް ރޭހުގައި ބައިވެރިވާ ފަރާތްތަކަށް ބިބް އާއި ޓީޝާޓް ދޫކުރުމަށް ބައްވާ ބިބް އެކްސްޕޯގެ ތެރެއިން ---- ފޮޓޯ: ދިރާގް

ދިރާގުން ކޮންމެ އަހަރަކު ވެސް ބައްވަމުން އަންނަ "ދިރާގް މޯލްޑިވްސް ރޯޑް ރޭސް" ގައި މިއަހަރު ބައިވެރިވާ ފަރާތްތަކަށް ބިބް އާއި ޓީޝާޓް ދޫކުރަން ފަށައިފި އެވެ.

ދިރާގުން ބުނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޯޑް ރޭހުގައި ބައިވެރިވާ ފަރާތްތަކަށް ބިބް އާއި ޓީޝާޓް ދޫކުރުމަށް "ބިބް އެކްސްޕޯ" ގެ ނަމުގައި ހެޑް އޮފީހުގައި ހަރަކާތްތަކެއް ފަށާފައިވާ ކަމަށެވެ.

ދިރާގް ހެޑް އޮފީހުގައި ބިބް އެކްސްޕާ ފަށާފައި ވަނީ މިއަދު ހެނދުނު 10:00 ޖެހިއިރު އެވެ. އަދި މެންދުރު ފަހު 2:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:00 އަށް ބިބް އެކްސްޕޯ ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގައި ބިބް އެކްސްޕޯގައި ހާއްސަ ކަންތައްތަކެއް ކުރިއައް ގެންދާނެ ކަން ދިރާގުން ފާހާގަކުރި އެވެ. އަދި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ޓީޝާޓާއި ބިބް ހަވާލުކުރެވޭނީ މަދުވެގން 30 ރުފިޔާ ހަދިޔާ ކުރުމުންނެވެ. އެ ފައަސާ ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ގިނަ ބަޔަކު ޝައުގުވެރިވާ ދުރާލާ އިންތިޒާރުކުރާ އެއް އިވެންޓެވެ. ދުޅަހެޔޮ ކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ.

މި އަހަރުގެ ދުވުމުގައި 4،000 މީހުން ބައިވެރިވާނެ ކަމަށް ދިރާގުން ބުނެ އެވެ.

comment ކޮމެންޓް