ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ މަރުވި ކަމަށް ސައުދީން އެއްބަސްވެއްޖެ

ގެއްލިފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ފަހު ކޮލަމް ވަނީ ޕަބްލިޝްކޮށްފައި -- ފޮޓޯ: އޭއެފްޕީ

ރިޔާޒު (އޮކްޓޯބަރު 20): ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރުވިކަން ސައުދީ އަރަބިއާ އިން އެއްބަސްވެއްޖެ އެވެ.

ސައުދީ އެޓާނީ ޖެނެރަލް ޝޭހް ސައުދް އަލް މުޖެއިބާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާ އެސްޕީއޭގައިވާ ގޮތުން ޚަޝޯގީ މަރުވެފައި ވަނީ ކޮންސިއުލޭޓު ތެރޭގައި ކުރިއަށް ގެންދިޔަ "މަޝްވަރާތަކެއް" ހޫނުވެ، ހަމަނުޖެހުމަކަށް ބަދަލުވުމުގެ ސަބަބުންނެވެ.

"އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި، ޖަމާލް ޚަޝޯގީ އާއި އޭނާއާ ބައްދަލު ކުރި މީހުންނާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާއެއް ތަޅާފޮޅުމަކަށް ބަދަލުވެ، (ޚަޝޯގީ) މަރުވީ،" އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

އަދި އެމައްސަލައިގެ ތަހުގީގު އަދި ވެސް ކުރިއަށްދާ ކަމަށާއި ސައުދީގެ 18 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ޝޭހް ސައުދު ވިދާޅުވި އެވެ.

ނަމަވެސް ޚަޝޯގީގެ ހަށިގަނޑު ވީތަނެއް ސައުދީން އަދި ހާމަ ނުކުރެ އެވެ.

އެސްޕީއޭގައިވާ ގޮތުން އެމައްސަލައާ ގުޅިގެން ރޯޔަލް ކޯޓު އެޑްވައިޒަރު ސައުދު އަލް ގަހުތާނީ އާއި ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހުމަދު އަލް އަސީރީ ވަނީ މަގާމުން ދުރުކޮށްފަ އެވެ.

އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވަނީ އެގައުމުގެ ޖާސޫސީ އިދާރާއަށް ބަދަލުތަކެއް ގެނައުމަށް ޓަކައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ދަށުން މިނިސްޓީރިއަލް ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ.

އެމެރިކާގައި އަމިއްލައަށް އަރުވާލެވިގެން ދިރިއުޅުނު، ސައުދީ ރައްޔިތެއް ކަމަށްވާ ޚަޝޯގީ ގެއްލިފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ. އޭނާ އެކޮންސިއުލޭޓަށް ދިޔައީ ތުރުކީގެ އަންހެނަކާ ކައިވެނި ކުރުމަށް ޓަކައި ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށްޓަކަ އެވެ.

ޚަޝޯގީ ކޮންސިއުލޭޓު ތެރޭ މަރާލި ކަމަށް ތުރުކީން ތުހުމަތު ކުރުމުން، ސައުދީން ވަނީ ފުރަތަމަ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

comment ކޮމެންޓް