ކެންސަރާ ހަނގުރާމާކުރި ބައެއްގެ ވާހަކަތައް ޑިޓިއުން ބޭންޑުގެ ލަވައަަކުން!

ޑިޓިއުން ބޭންޑުން ނެރުނު ލަވަ "އާފެޝުން" ގެ ޕޯސްޓަރެއް....

ކެންސަރު ބަލީގެ ޝިކާރަ އަކަށް ވެފައިވާ މީހުން މި ދުނިޔޭގައި މިހާރު ވަރަށް ގިނައެވެ. އަދި އަޅުގަނޑުމެންގެ މި ކުޑަ ދިވެހި ރާއްޖޭގައި ވެސް މި ބަލީގައި މަރާ ހަނގުރާމަ ކުރާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ރާއްޖޭގައި މި ބައްޔާ މެދު އާންމުން ހޭލުންތެރި ކުރުމަށް ވަނީ ޖަމިއްޔާ އެއްވެސް އުފައްދާފައެވެ.

އެގޮތުން ކެންސަރ ސޮސައިޓީ ގެ ނަމުގައި ވުޖޫދު ކޮށްފައިވާ ޖަމިއްޔާ އިން އަންނަނީ ކެންސަރަށް ހޭލުންތެރިކުރުގެ ގޮތުން އެކި ކަހަލަ ޕްރޮގްރާމްތައް ވަރަށް ގިނައިން ބާއްވަމުންނެވެ. މާލޭގެ އިތުރުން ރާއްޖެ ތެރޭގައި ވެސް އެމީހުންގެ އެވެއަރނެސް ޕްރޮގްރާމްތައް ހިންގަމުން އަންނަ އިރު ކޮންމެ އަހަރަކުވެސް "ފަންޑް ރައިޒިން ގާލަ ޑިނާ" އެއް ބާއްވައެވެ.

ރޭ މިވަނީ އެ ޖަމިއްޔާގެ ގާލަ ޑިނާ ބާއްވާފައެވެ. ހޮޓެލް ޖެން ގައި ރޭ ބޭއްވި ޑިނާގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ ޑިޓިއުން ބޭންޓުން ރިލީޒްކުރި ވީޑިއޯ ލަވަ އެވެ. ވަރަށް އަސަރުގަދަ އަދި އެހާމެ މާނަ ފުން ލަވައެކެވެ. ލަވައިގެ ނަމަކީ "އާފެށުން" އެވެ.

"އާފެށުން" ލަވަ....

އެ ލަވައިގެ އޯޑިއޯ ވަނީ މިދިޔަ އަހަރު ބޭއްވި ގާލާ ޑިނާ ނައިޓް ގައި ކިޔާފައެވެ. ނަމަވެސް އޭގެ ފުރިހަމަ ކަން ފެންނާނީ ވީޑިއޯ އާއެކު ކަމަށް ގަބޫލު ކުރެވޭތީވެ ވީޑިއޯ ލަވަ ނެރުނީއެވެ. ލަވަ ހާއްސަވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ.

ޑިޓިއުން ބޭންޑުން ކިޔާފައިވާ އެ ލަވައިގެ ކޮންސެޕްޓް ބިނާކޮށްފައިވަނީ ކެންސަރު ބަލީގައި މަރާ ހަންގުރާމަކޮށް އެ ބަލީގެ މައްޗަށް ކުރިހޯދާފައިވާ މީހުންތަކެއްގެ ވާހަކަތަކަށެވެ. އެ ލަވައިގައި އެކްޓް ކޮށްފައިވެސް ވަނީ އެ ބަލިން ސަލާމަތް ވެފައިވާ ތިން މީހެކެވެ. އެމީހުން އެ ބަލީގައި ދުވަސްތައް ކަޑައްތުކުރި ގޮތް ލަވައިން ނިކަން ރަނގަޅަށް ކިޔައިދޭނެއެވެ.

ޑިޓިއުން ބޭންޑުގެ ފަސް މެންބަރުން...

ރޭގެ އިވެންޓަށް ފަހު އެ ލަވަ މިހާރު ވާނީ ލަވަ ފޮށި އެޕަށް އަޕްލޯޑް ކޮށްފައެވެ. އެ އެޕުން އެ ލަވަ އަޑުއަހާލެވޭނެއެވެ. އަދި ވީޑިއޯ ޔޫޓިޔުބުން ބަލަލާލެވޭނެއެވެ.

ޑިޓިއުން ބޭންޑުގެ ފަސް މެންބަރުންގެ އިތުރުން ކެންސަރު ބަލިން ސަލާމަތްވެފައިވާ ތިން މީހުން ހިމެނޭ ގޮތަށް ހަދާފައިވާ އެ ލަވައިން ލިބޭ ހުރިހާ އާމްދަނީ އެއް ކެންސަރ ސޮސައިޓީ އަށް ހަދިޔާ ކުރާ ގޮތަށް އެ ބޭންޑުން މިހާރު ވަނީ ނިންމާފައެވެ.

comment ކޮމެންޓް