އިނގިރޭސި މަތިންދާބޯޓު އައީ ހުއްދަތައް ނަގައިގެން: އެމްއެންޑީއެފް

ރާއްޖެ އައި އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓު-- ފޮޓޯ: ޓްވިޓާ

ރާއްޖެ އައީ އިނގިރޭސިވިލާތުގެ މަތިންދާބޯޓެއް ކަމަށާއި އެ މަތިންދާބޯޓު ރާއްޖެ އައީ ބޭނުންވާ ހުއްދަތައް ނަގައިގެން ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީގުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއަށް އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް އައިސްފައިވާ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް މިއަދު އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖެ އައިސްފައި ވަނީ އިނގިރޭސިވިލާތުގެ މަތިންދާބޯޓެއް ކަމަށާއި އެ މަތިންދާބޯޓު އައިސްފައި ވަނީ ހުރިހާ ޑިޕްލޮމެޓިކް ކްލިއަރެންސެއް ދީގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަތިންދާބޯޓަކީ މި މަހުގެ އަށް ވަނަ ދުވަހު ލޭންޑު ކުރި ފްލައިޓު ރަނގަޅު ކުރުމަށް ސްޕެއާ ޕާޓްސް ހިފައިގެން އައި ފްލައިޓެއް ކަމަށެވެ.

އެމެރިކާގެ މަތިންދާބޯޓެއް ރާއްޖެ އައިސްފައިވާ ކަމަށް މުސްތަފާ ވިދާޅުވެފައިވާ އިރު ޕީޕީއެމްއިން މީގެ ކުރިން ތުހުމަތުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒު ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވައްދަން މަސައްކަތް ކުރާ ކަމަށެވެ.

comment ކޮމެންޓް