ސޫރިޔާއާބެހޭ ޚާއްސަ ސަމިޓެއް ތުރުކީގައި ބާއްވަނީ

ތުރުކީގެ ރައީސް އުރުދުޣާން

އިސްތަންބޫލް (އޮކްޓޯބަރު 19 : ސޫރިޔާގެ މައްސަލައާބެހޭގޮތުން މަޝްވަރާ ކުރުމަށް ތުރުކީއާއި ރަޝިޔާއާއި ޖަރުމަނާ އަދި ފަރަންސޭސިވިލާތުގެ އެންމެ އިސްވެރިން މި އޮކްޓޯބަރު މަހުގެ 27 ގައި ބައްދަލުކުރުމަށް ހަމަޖެހިއްޖެކަން ތުރުކީން ހާމަކޮށްފިއެވެ.

ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލައި ސޫރިޔާގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް އަސްކަރީ ގޮތުން ވަދެގެންފައިވާ ތުރުކީގެ ރިޔާސަތުން ބުނީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ގޮވާލެއްވުމަކަށް 27 އޮކްޓޯބަރުގައި ސޫރިޔާއާބެހޭ ސަމިޓެއް އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާ ސަމިޓަށް ދައުވަތު އެރުވި ގައުމުތަކުގެ ލީޑަރުން ދައުވަތު ގަބޫލުކުރައްވާފައިވާ ކަމުގައެވެ.

މި ސަމިޓްގެ އެޖެންޑާއަކީ ސޫރިޔާގެ އިދްލިބްގައި ތިބި ހަނގުރާމަވެރި ޖަމާއަތްތަކުގެ މައްސަލައާއި ސޫރިޔާގެ މުޅި މައްސަލައަށް ސިޔާސީ ހައްލެއް ހޯދުންކަމަށް ތުރުކީގެ ރިޔާސީ ތަރްޖަމާން އިބްރާހީމް ކަލިން ވިދާޅުވިއެވެ. ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލްވަނީ އިސްތަންބޫލްގެ ސަމިޓްގައި އޭނާ ބައިވެރިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންވެސް ވަނީ އެކަމަށް އިޝާރާތް ކުރައްވާފައެވެ.

ސޫރިޔާގެ އިދްލިބްއަކީ ސޫރިޔާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ބޭރުގެ މަދަދުލިބޭ ހަނގުރާމަވެރިން މިހާރު ޖަމާވެފައިވާ ސަރަހައްދެވެ. އެސަރަހައްދުގެ ބޮޑުބައި ކޮންޓްރޯލް ކުރަނީ ތުރުކީގެ މަދަދުލިބޭ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކުރީގެ ޖަބްހަތުއްނުސްރާ އަދި މިހާރުގެ ޖަބްހަތު ތަހްރީރް އައްޝާމް ޖަމާއަތުންނެވެ. މި ޖަމާއަތަކީވެސް ރަޝިޔާއާއި އީރާންގެ މަދަދުލިބޭ ސޫރިޔާގެ ސިފައިންގެ ކުރިމަތީގައި ބަލިވެފައިވާ ޖަމާއަތެކެވެ. އިދްލިބްގައިވާ އެހެން ޖަމާއަތްތަކުގެ ތެރޭގައި ޔޫރަޕާއި އެމެރިކާގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތައްވެސް ހިމެނެއެވެ.

މިހުރިހާ ޖަމާއަތްތައްވެސް މިހާރުވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ސޫރިޔާ ސިފައިންވަނީ އިދްލިބްވެސް މިނިވަންކުރާނެކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް އެސަރަހައްދުގެ މައްސަލަ ސުލްޙަވެރިކަމާއެކު ހައްލުކުރުމަށް ތުރުކީއާއި ރަޝިޔާ އެއްބަސްވި އެއްބަސްވުމަކާ ގުޅިގެން އެސަރަހައްދު މިނިވަން ކުރުމުގެ މަސައްކަތް ސޫރިޔާ ސިފައިންވަނީ މަޑުޖައްސާލާފައެވެ. ތުރުކީއާއި ރަޝިޔާ އެއްބަސްވި އެއްބަސްވުން ރަސްމީ ގޮތެއްގައި ގަބޫލުކުރުމަށް ސޫރިޔާ ސަރުކާރުންވަނީ ދެކޮޅު ހަދާފައެވެ.

އެ އެއްބަސްވުން ބިނާކޮށްފައިވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ސަފުތައް ހަނގުރާމައަކާ ރޫޅާލުމުގެ މައްޗަށެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް