ކަންދަހާރުގެ ފުލުހުންގެ ކޮމާންޑަރު އަވަހާރަކޮށްލުމުން މަޖިލިސް އިންތިހާބު ލަސްކޮށްފި

ކަންދަހާރު ޕްރޮވިންސުގެ ފުލުހުންގެ ކޮމާންޑަރު ޖެނެރަލް އަބްދުލް ރަޒީގު ވަނީ އަވަހާރަކޮށްފައި -- ފޮޓޯ: ރޮއިޓާސް

ކާބުލް (އޮކްޓޯބަރު 19): އަފްގާނިސްތާނުގެ ކަންދަހާރު ޕްރޮވިންސުގެ ފުލުހުންގެ ކޮމާންޑަރު އިއްޔެ އަވަހާރަކޮށްލުމާ ގުޅިގެން އެޕްރޮވިންސުގެ މަޖިލިސް އިންތިހާބު ލަސްކޮށްފި އެވެ.

އަފްގާން ރައީސް އަޝްރަފް ޣަނީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މާދަމާ ބާއްވަން ހަމަޖެހިފައި އޮތް އިންތިހާބު ލަސް ކުރަން ނިންމީ، ކަންދަހާރުގެ ރައްޔިތުންގެ އެދުމުގެ މަތިންނާއި ގައުމުގެ އިލެކްޓޯރަލް އޮފިޝަލުން އެކަމަށް ލަފާ ދެއްވުމުންނެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި އެޕްރޮވިންސުގައި އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައަޅާނީ އަދި ފަހުންނެވެ. ކަންދަހާރުގެ އިންތިހާބު ލަސް ކުރި ނަމަވެސް އަފްގާނިސްތާނުގެ އެހެން ސަރަހައްދުތަކުގައި އިންތިހާބު ކުރިއަށް ދާނެ އެވެ.

ރޮއިޓާސްގައިވާ ގޮތުން ޖެނެރަލް އަބްދުލް ރަޒީގަށް އިއްޔެ ދިން އެ ހަމަލާގައި ކަންދަހާރުގެ ޖާސޫސީ އިދާރާގެ އިސް އޮފިޝަލަކުވެސް އަވަހާރަވިއެވެ. އަދި އެހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި، އެ ގައުމުގައި ހުންނަވާ އެމެރިކާގެ އެންމެ އިސް ކޮމާންޑަރު، ޖެނެރަލް ސްކޮޓް މިލާއާއި ކަންދަހާރުގެ ގަވަރުނަރު ޒަލްމާއީ ވެއްސާ ހިމެނެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެ ހަމަލާ ދީފައި ވަނީ ގަވަރުނަރުގެ ސެކިއުރިޓީ ޓީމަށް ނިސްބަތްވާ ބޮޑީގާޑެކެވެ. އަދި އެހަމަލާ ދިންތާ މާ ގިނައިރުތަކެއް ނުވެ އޭނާ ވަނީ މަރާލާފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާއަތުން ވަނީ އެ ހަމަލާގެ ޒިންމާ ނަގާފައެވެ. އެޖަމާއަތުން މީގެ ކުރިން ވަނީ މަޖިލިސް އިންތިހާބުގައި ވޯޓު ނުލުމަށް ގޮވާލައި، ވޯޓަށް ހުރަސް އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

comment ކޮމެންޓް