މި ވަގުތަކީ ތެލުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތައިގެ ބާވަތްތަކުގެ ބޭނުން ހިފުން އިތުރުކުރުމަށް މަސައްކަތްކުރަން ޖެހިފައިވާ ވަގުތު: ނައިބު ރައީސް

މި ވަގުތަކީ ރާއްޖެއާއި އަދި ބައިނަލްއަގުވާމީ މަސްރަޙުގައި ތެލުގެ ބަދަލުގައި، އިއާދަކުރަނިވި ހަކަތައިގެ ބާވަތްތަކުގެ ބޭނުން ހިފުން އިތުރުކުރުމަށް މަސައްކަތްކުރަންޖެހިފައިވާ ވަގުތު ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއާއި ޓިކް ޓިކް ޓިކް ކެމްޕޭން ގުޅިގެން، ހަކަތާއާ ގުޅޭގޮތުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ކާބަން ނިއުޓްރަލް ސިޔާސަތަށް އިޝާރާތް ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އަދުގެ ދުނިޔޭގައި ރާއްޖޭގެ ތަރައްގީ އަދި ކުރިއެރުން ތެޔޮ އަދި ފޮސިލް ފިޔުލްގެ މައްޗަށް ބަރޯސާ ނުވާ ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު ކުރަންޖެހިފައިވާ މަސައްކަތަކީ، އެމެރިކާއާއި އަދި ދުނިޔޭގައި ގިނަ އަދަދަކަށް ތެޔޮ ބޭނުންކުރަމުންގެންދާ ޤައުމުތަކުން، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ ދުވެލި ހަލުވިކޮށް، ޖައްވަށް ދޫކުރެވޭ ކަރބަންގެ މިންވަރު ދަށްކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ޖައްވަށް ދޫކުރާ ކަރބަންގެ މިންވަރު ދަށްކުރުމަށްޓަކައި، ސޯލާ އަދި އެހެން ބާވަތްތަކުގެ އިޢާދަކުރަނިވި ހަކަތައިގެ ބޭނުންކުރުން އިތުރުކުރުމަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، މިކަން ޙާޞިލު ކުރެވިއްޖެނަމަ، މި ނަމޫނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭގެ ބޭނުން ހިފިދާނެ، ވަރަށް އަގުހުރި މިސާލަކަށްވެ، ރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ބޭނުންހިފޭ މިންވަރު އިތުރުވުމުގެ ސަބަބުން، ދިވެހިންގެ ދިރިއުޅުމުގައި ކުރަންޖެހޭ ޚަރަދުތައް ކުޑަވެގެންދާނޭކަން ނައިބު ރައީސް ހާމަކުރެއްވިއެވެ. މި ރޮނގުން ނައިބު ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. މި ސަބަބުތަކަށްޓަކައި، މޯލްޑިވްސް އެނަރޖީ ޓެކްނިކަލް ސަޕޯޓް ޔުނިޓެއް ޤާއިމްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަންތައްތައް ޙާޞިލު ކުރުމުގައި، ބޭރުގެ ތަޖްރިބާކާރުންގެ އިރުޝާދާއި އެހީތެރިކަން ދިވެހި ސަރުކާރަށް ބޭނުންފުޅުވާކަންވެސް ނައިބު ރައީސް ހާމަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، އާންމުންގެ ފިކުރު ބިނާވެފައިވަނީ، ހަމައެކަނި މޫސުމަށް ކުރިމަތިވަމުންދާ ނޭދެވޭ ބަދަލުތަކުގެ މައްޗަށް އެކަނި ނޫން ކަމަށާއި، ތެލުގެ ޚަރަދު ބޮޑުވެފައިވާ ދުނިޔެއެއްގައި ޚަރަދުކުޑަކުރުމާއި އިޤްތިޞާދީ ފުއްދުންތެރިކަން ހޯދުމަށް ކަމުގައި ވިދާޅުވަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު