އަފްގާނިސްތާނުގެ ފުލުހުންގެ ކޮމާންޑަރަކު އަވާހަރަކޮށްލައިފި

އަފްގާނިސްތާނުގެ ކަންދަހާރުގެ ފުލުހުންގެ ކޮމާންޑަރު ޖެނެރަލް އަބްދުލް ރަޒީގު -- ފޮޓޯ: އީޕީއޭ

ކާބުލް (އޮކްޓޯބަރު 19): އަފްގާނިސްތާނުގެ މަޖިލިސް އިންތިހާބު ބާއްވަން އެއް ދުވަހަށް ވެފައި ވަނިކޮށް އެގައުމުގެ ކަންދަހާރުގެ ފުލުހުންގެ ކޮމާންޑާރު އަވަހާރަކޮށްލައިފިއެވެ.

ރޮއިޓާސްގައިވާ ގޮތުން ޖެނެރަލް އަބްދުލްރަޒީގަށް އިއްޔެ ދިން އެ ހަމަލާގައި ކަންދަހާރުގެ ޖާސޫސީ އިދާރާގެ އިސް އޮފިޝަލަކުވެސް އަވަހާރަވިއެވެ. އަދި އެހަމަލާގައި ޒަހަމްވި މީހުންގެ ތެރޭގައި، އެ ގައުމުގައި ހުންނަވާ އެމެރިކާގެ އެންމެ އިސް ކޮމާންޑަރު، ޖެނެރަލް ސްކޮޓް މިލާއާއި ކަންދަހާރުގެ ގަވަރުނަރު ޒަލްމާއީ ވެއްސާ ހިމެނެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެ ހަމަލާ ދީފައި ވަނީ ގަވަރުނަރުގެ ސެކިއުރިޓީ ޓީމަށް ނިސްބަތްވާ ބޮޑީގާޑެކެވެ. އަދި އެހަމަލާ ދިންތާ މާ ގިނައިރުތަކެއް ނުވެ އޭނާ ވަނީ މަރާލާފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާއަތުން ވަނީ އެ ހަމަލާގެ ޒިންމާ ނަގާފައެވެ. އެ ޖަމާއަތުން މީގެ ކުރިން ވަނީ ރަޒީގު އަވަހާރަކޮށްލުމަށް ގިނަ އަދަދެއްގެ ހަމަލާތަކެއް ދީފައެވެ.

ރަޒީގަކީ އެމެރިކާގެ އެހީއާއެކު ތާލިބާނާ ހަނގުރާމަކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ އޮފިޝަލެކެވެ. އަދި އޭނާއަކީ ކަންދަހާރު ތާލިބާނުންގެ އަތްދަށަށް ދިއުން ހުއްޓުވުމުގައި އެންމެ އިސް ދައުރެއް އަދާކުރި މީހާ ކަމަށް އަފްގާނު އޮފިޝަލުން ވިދާޅުވެއެވެ.

ނަމަވެސް އދ. ގެ ކޮމިޓީ އެގެއިންސްޓް ޓޯޗާއިން މިދިޔަ އަހަރު ވަނީ ރަޒީގުގެ މައްޗަށް އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުތައް ކޮށްފަ އެވެ. އެގޮތުން މީހުން މެރުމާއި، ސިއްރު ޖަލުތަކުގައި މީހުން ހައްޔަރުކޮށް، ގައިދީންނަށް އަނިޔާކުރުން ހިމެނެއެވެ.

ކަންދަހާރުގައި އެ ހަމަލާ ދީފައިވަނީ މާދަމާ ބާއްވަން ހަމަޖެހިފައިވާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަށް އަފްގާނިސްތާނުން ތައްޔާރުވަމުން ދަނިކޮށެވެ. ނަމަވެސް ތާލިބާނުން ވަނީ އެއީ ބޭރު ގައުމުތަކުގެ ނުފޫޒާއެކު ބާއްވާ އިންތިހާބެއްކަމަށާއި އެ އިންތިހާބަށް ހުރަސް އަޅާނެކަމަށް ބުނެފައެވެ.

comment ކޮމެންޓް