ތިންވަނަ ކުއާޓަރުގައި ގައުމީ ބޭންކަށް 365 މިލިޔަން ރުފިޔާގެ ފައިދާއެއް

ދިވެހިރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސް -- ފޮޓޯ: ބީއެމްއެލް

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއަށް 365 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު އާންމުކޮށްފައިވާ އެކުންފުނީގެ 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، އެ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 609.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނީ 600.9 މިލިޔަން ރުފިޔާއެވެ.

ތިންވަނަ ކުއާޓަރުގައި ހަރަދުތައް ކެނޑުމަށްފަހު، އަދި ޓެކްސް ކެނޑުމުގެ ކުރިން ލިބުނު ފައިދާއަކީ 360.8 މިލިޔަން ރުފިޔާއެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު 353.2 މިލިޔަން ރުފިޔާއާ ބަލާއިރު 10 ޕަސަންޓުގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ފައިދާއާ އަޅާ ބަލާއިރު 11 ޕަސަންޓުގެ ކުރިއެރުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ލިބުނު ސާފު ފައިދާއަކީ 269.3 މިލިޔަން ރުފިޔާއެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު 239 މިލިޔަން ރުފިޔާގެ ފައިދާއަށްވުރެ 12 ޕަސަންޓު ބޮޑު އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް ބީއެމްއެލްއަށް ލިބިފައިވާ ސާފު ފައިދާއަކީ 768.4 މިލިޔަން ރުފިޔާއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި، ފަންޑިންގް ކޮސްޓް ބޮޑުވި ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ލިބި، އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ކުޑަކުރުމުގެ ސަބަބުން މާލީ ނަތީޖާ ލަފާކުރި މިންވަރަށް ވުރެ ރަނގަޅެވެ.

ބީއެމްއެލްއިން ބުނީ މުޖުތަމައަށް އެހީޓެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ދަށުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މުޅި ރާއްޖޭގައި 22 ސީއެސްއާރު ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ.

ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށާއި ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމެންޓުގެ ދަށުން ބީއެމްއެލްގެ މޯބައިލް އިންޓަނެޓާއި ކާޑުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުންޏޭވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 30 ޕަސަންޓު ހަރަދުކުރަނީ މުޖުތަމައަށާއި ޓެކްނޮލޮޖީ އިންވެސްޓްމެންޓުތަކަށް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ފަންޑިންގް ހަރަދުތަކާއި އިންވެސްޓްމެންޓު އިތުރުވަމުން ދިޔަނަމަވެސް ވިޔަފާރީގައި ލިބެމުން އަންނަ ކުރިއެރުނތަކާއެކު ހަރުދަނާ މާލީ ނަތީޖާއެއް ބީއެމްއެލްއަށް ހާސިލުކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

comment ކޮމެންޓް