"ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށް އެމް7 ދިނުން ނޫން އެހެން ގޮތެއް ނެތް ކަމަށް އިލެކްޝަންސް އިން ބުނި"

ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި ފިނޭންސް މިނިސްޓަރު މުނައްވަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޕްރިންޓުކުރަން އެމް7 އަށް ދިނީ ވަގުތު ނެތުމުން އެނޫން ގޮތެއް ނެތުމުން ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ އެންމެ ފުރަތަމަ ގައުމު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ އެމް7 އަށް ވޯޓު ކަރުދާސް ޕްރިންޓުކުރަން ދިނީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.

"ބައެއް ފަރާތްތަކުން ބުނަމުން އެބަދޭ ފިނޭންސް މިނިސްޓްރީ އިން ހާއްސަ ހުއްދައެއްގެ ދަށުންނޭ މިކަން ނިންމާފައި މިވަނީ. އެކަމަކު އަޅުގަނޑުމެން މީގެ ހަގީގަތް ރަނގަޅަށް ބަލާއިރު މިއީ ވަކި ފަރާތަކަށް ދިނުމަށް މަގުފަހިކުރުމަށްޓަކާ ކޮށްފައި އޮތް ކަމެއްގެ ގޮތުގައި [މިހާރު އެނގިގެން މިދަނީ]. އެއީ ފިނޭންސް މިނިސްޓްރީ އިން ހަގީގަތުގައި މި ޕްރޮޖެކްޓް އެބޭފުޅުންނަށް އެވޯޑުކޮށްފައިމިވަނީ ޚާއްސަ ހުއްދައެއްގެ ދަށުން. ހާއްސަ ހުއްދައަކީ ފިނޭންސް މިނިސްޓްރީ އިން ވަކި ހާއްސަ ހާލަތްތަކެއްގައި ދޭ އެއްޗެއް. އާންމުގޮތެއްގައި ޓެންޑާ ޕްރޮސެސްގައި ދެވޭ އެއްޗެއް ނޫން އެއީ. އެހެންވީމާ އަޅުގަނޑުމެންނަށް ދެ ހަފްތާއަށް ވީމާ އިލެކްޝަން ފަދަ މިނިވަން، އަޅުގަނޑުމެން އެންމެން އިތުބާރުކުރާ މުވައްސަސާއަކުން ރާއްޖޭގެ އިލެކްޝަން ބޭއްވުމަށްޓަކާ މިނޫން އެހެންގޮތެއް ނެތޭ ދެންނެވީމާ ފިނޭންސް މިނިސްޓަރަކަށް މަޖުބޫރުވާނެ އެވަގުތު އެކަން ކުރަން،"

މިނިސްޓަރު ވިދާޅުވީ ދެ ބިޑެއް ފިނޭންސްއަށް ހުށަހެޅުމަށްފަހު އަގުބޮޑު ބިޑަށް ޕްރޮޖެކްޓު ހަވާލުކުރަން އިލެކްޝަނުން ބުނި ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ތިކަމެއް ނުވާނެޔޭ. އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީ އިން އެކަން ރިޖެކްޓްކުރީ. އެ އަގުބޮޑު ބިޑަކީ އެމް7،"

އޭގެ ފަހުންވެސް އެމް7 ގެ ބިޑު ހުށަހަޅައި އެމީހުންނޫން އެހެން ބަޔަކު ނެތް ކަމަށް އިލެކްޝަނުން ބުނިކަމަށް މުނައްވަރު ވިދާޅުވިއެވެ. ވޯޓުގެ ކަންތައްތަކާ ގުޅިގެން މިހާރު ދެކެވޭ ވާހަކަތަކަށް އިލެކްޝަނުން ޖަވާބުދާރީ ވުމަށް މިނިސްޓަރު މުނައްވަރު ގޮވާލެއްވިއެވެ.

މާލިއްޔަތު ގަވައިދުގެ އުސޫލަކީ އޯޕަން ބިޑެއް ކަމަށާއި ނަމަވެސް އިލެކްޝަންސް އަށް ލުޔެއްގެ ގޮތުން ސެލެކްޓެޑް ބިޑިން އަކަށް ދިއުމަށް ފުރުސަތު ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބިޑް ޑޮކިއުމެންޓުގައި ބުނެފައިވަނީ އެއް ސެކިއުރިޓީ ފީޗާ ކަމަށާއި ނަމަވެސް އެމް7 ނޫން އެހެން ބަޔަކާއެކު އެއް ސެކިއުރިޓީ ފީޗާއަށް ވުރެ ގިނަ ފީޗާ ހިމެނުމަށް މަޝްވަރާކޮށްފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގަ އެބަހުރި މާލިއްޔަތު ގާނޫނުގެ ތެރެއިން އެބޭފުޅުން ފައިދާތަކެއް ނަގާފައި. މިއީ އަޅުގަނޑުމެންނަށް އުފެދޭ ޝައްކަކީ. މިކަންތައް އިތުރަށް ބަލަންޖެހޭނެޔޭ މި ދަންނަވަނީ،"

މިނިސްޓަރު ވިދާޅުވީ އިންތިހާބުގައި ބޭނުންކުރުމަށް ޓެބްލެޓު ގަންނަން ހުއްދަ ދިނީ އެއީ މުހިއްމުކަމެއް ކަމަށް އިލެކްޝަނުން ބުނުމުން ކަމަށެވެ. މި ކަންތައް ކޮށްފައިވަނީ ބަޖެޓުގެ ތެރެއިން ނަމަވެސް ޝައްކު ކުރެވޭ ކަންތައް އެބަހުރި ކަމަށާއި އެކަަމަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. "މިހާރު އަޅުގަނޑު އެބަ ހިތައްއަރާ އެދުވަހު އަޅުގަނޑު ވޯޓު ލީ އިރު އޮތްގޮތަށްބާއޭ އެ ވޯޓު އޮތީ. މިއީ އެތައް ބަޔަކު ކުރާނެ ޝަކުވާއެއް. އެ ޝައްކު ފިލުވާދޭން ޖެހޭނީ އިލެކްޝަނުން،"

comment ކޮމެންޓް