ގެއްލުނު ނޫސްވެރިޔާގެ ފަހު ކޮލަމްގައި ގޮވާލާފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް

ގެއްލިފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ފަހު ކޮލަމް ވަނީ ޕަބްލިޝްކޮށްފައި -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޮކްޓޯބަރު 18): އެމެރިކާގެ ވޮޝިންޓަން ޕޯސްޓަށް ލިޔަމުންދިޔަ ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ އެންމެ ފަހު ކޮލަމް އެނޫހުން ޕަބްލިޝްކޮށްފި އެވެ.

ވޮޝިންޓަން ޕޯސްޓުން ބުނި ގޮތުގައި، އަރަބި ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ޚަޝޯގީ ގޮވާލާފައިވާ އެކޮލަމް ޕަބްލިޝް ކުރަން ނިންމީ، އޭނާ ދެން ސަލާމަތުން އެނބުރި އަންނާނެ ކަމަށް ގަބޫލު ނުކުރެވޭތީ އެވެ.

އެނޫހުގެ ގްލޯބަލް އޮޕީނިއަންސް އެޑިޓަރު ކޭރެން އާތިއާ ވިދާޅުވި ގޮތުގައި، އަރަބި ދުނިޔޭގެ މިނިވަންކަމަށް މަސައްކަތް ކުރުމަށް ޚަޝޯގީ އިސްކަން ދިން މިންވަރު އެކޮލަމުން ފާހަގަ ކުރެވެ އެވެ. އަދި އެމިނިވަންކަމަށް މިހާރު އޭނާގެ ފުރާނަވެސް ގުރުބާންކޮށްފައިވާ ކަމަށް އާތިއާ ވިދާޅުވި އެވެ.

އެލިޔުމުގައި ޚަޝޯގީ ވަނީ އަރަބި ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ މިންވަރަށް ފާޑު ކިޔާފަ އެވެ. އަދި އެމިނިވަންކަން ނެތުމުގެ ސަބަބުން އަރަބިންނަށް އެނގެން ޖެހޭ މައުލޫމާތު ނޭނގޭ ކަމަށާއި ނުވަތަ ލިބެނީ ސައްހަ ނޫން މައުލޫމާތު ކަމަށް ބުނެފަ އެވެ.

އެލިޔުމުގައި ޚަޝޯގީ ވަނީ ސައުދީ އެހެން ނޫސްވެރިއެއް ކަމަށްވާ ސާލިހް އަލި ޝެހީގެ ނަން ފާހަގަކޮށްފަ އެވެ. އަދި ސައުދީ ޕްރެސްއަށް ލިޔަމުން ދިޔަ އެނޫސްވެރިޔާ ސައުދީ ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކި ކަމަށް ބުނެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކަމަށް ބުނެފަ އެވެ.

ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ފަހު ކޮލަމް ވޮޝިންޓަން ޕޯސްޓުން ވަނީ ޕަބްލިޝްކޮށްފަ -- ފޮޓޯ: ގެޓީ

ނަމަވެސް އަރަބި ސަރުކާރުތަކުން ކުރާ އެފަދަ އަމަލުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު ނާޅާކަން ޚަޝޯގީގެ ލިޔުމުގައިވެ އެވެ. އަދި އޭގެ ބަދަލުގައި، ސައުދީގެ އަމަލުތައް ކުށްވެރިކުރުމަށް ފަހު އަނެއްކާވެސް ބޭރު ގައުމުތަކުގެ އަޑު މަޑުވާ ކަމަށް ޚަޝޯގީ ބުނެފައިވެ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އަރަބި ސަރުކާރުތަކަށް ވަނީ މީޑިއާތަކުގެ އަޑު ކަނޑުވާލަމުން ދިޔުމުގެ ބާރު ލިބިފައި ކަމަށް ޚަޝޯގީގެ ލިޔުމުގައިވެ އެވެ.

އަދި އިންޓަނެޓު ތައާރަފް ކުރުމުން ހަބަރާއި މައުލޫމާތު ފެތުރުމުގައި ކުރިއަށް ވުރެ މިނިވަންކަން ބޮޑުވާނެ ކަމަށް ނޫސްވެރިން އުއްމީދު ކުރި ނަމަވެސް، އަރަބި ސަރުކާރުތަކުން ދަނީ އިންޓަނެޓު ބްލޮކްކުރަމުން ކަމަށް ޚަޝޯގީގެ ލިޔުމުގައިވެ އެވެ.

"މިސަރުކާރުތައް ދެމިތިބެނީ ހަބަރާއި މައުލޫމާތު ކޮންޓްރޯލުކޮށްގެން އެހެންކަމުން އެސަރުކާރުތަކުން ވަނީ އިންޓަނެޓު ބްލޮކްކޮށްފައި. އަދި އެމީހުން ވަނީ ނޫސްވެރިން ހައްޔަރުކޮށް، ބައެއް ޕަބްލިކޭޝަންތަކަށް ލިބޭ އާމްދަނީ ކުޑަ ކުރުމަށްޓަކައި އެޑްވަޓައިޒަރުންނަށް ޕްރެޝަރުކޮށްފަ،" ޚަޝޯގީގެ ލިޔުމުގައިވެ އެވެ.

އެހެންކަމުން މިހާރު އެންމެ މުހިއްމު ކަމަކީ އަރަބިންނަށް ދުނިޔޭގެ ހަބަރާއި މައުލޫމާތު ފޯރުކޮށްދީ، އަރަބިންގެ އަޑު އިއްވައިދޭނެ ޕްލެޓްފޯމެއް ހޯދައި ދިނުން ކަމަށް ޚަޝޯގީގެ ލިޔުމުގައިވެ އެވެ.

"ޕްރޮޕަގަންޑާ މެދުވެރިކޮށް ނަފުރަތު އުފައްދާ ސަރުކާރެއްގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން، ބައިނަލްއަގުވާމީ ފޯރަމްއެއް އުފެއްދުމުން، އަރަބި ދުނިޔޭގެ އާދައިގެ ރައްޔިތުންނަށް އެމީހުންގެ މުޖުތަމައުމުގައި ހުންނަ މައްސަލަތަކަށް ރިއާޔަތް ކުރެވޭނެ،" ޚަޝޯގީގެ ލިޔުމުގައިވެ އެވެ.

ޚަޝޯގީ ގެއްލިފައި ވަނީ މިމަހުގެ ދޭއްގައި ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ. ތުރުކީން ތުހުމަތު ކުރާ ގޮތުގައި ސައުދީ 15 މީހުން ހިމެނޭ ޓީމަކުން ވަނީ ޚަޝޯގީ މަރާލާފައި އެވެ. ނަމަވެސް އެގައުމުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

comment ކޮމެންޓް