ވިސްލް ބްލޯވާސްއަށް ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އޮޑިޓާ ޖެނެރަލް

އޮކްޓޯބަރ 17، 2018: މައުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިސިލް ބްލޯވާސް ނުވަތަ އިދާރާތަކާއި އޮފީސްތަކުގައި ހިނގާ ގާނޫނާ ހިލާފު ނުވަތަ ނުރަނގަޅު ކަންކަމުގެ މައުލޫމާތު އާންމުކުރާ މީހުންނަށް ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

މައުލޫމަތު ހޯދާ ލިބިގަތުމުގެ ދުވަހުގެ މުނާސަބަތުގައި ރޭ އިސްލާމިކް ޔުނިވާސީޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ ސޯޝަލް މީޑިއާ މިހާ ފުޅާވެފައިވާ ދުވަސްވަރެއްގައި މުއައްސަސާތަކުން މައުލޫމަތުތައް ސިއްރު ކުރިޔަސް ކޮންމެވެސް އެހެން މަސްދަރަކުން އެ މައުލޫމާތެއް އޮންނަނީ ހާމަވެފައި ކަމަށާއި ގިނަ ފަހަރު އެގޮތަށް ލީކުވާ މައުލޫމަތު ހުންނަނީ އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.

އޮކްޓޯބަރު 17، 2018: މައުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި ޖަލްސާގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާއި އޭސީސީގެ ރައީސް ހަސަން ލުތުފީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒިޔަތު ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ މުއަސަސާތަކުން ކުރާ ކަންކަމުގެ ތެރެއިން ރައްޔިތުންނާ ގުޅުންހުރި ވާހަކަތައް، އެހެން މީހުން އެ ވާހަކަތައް ދެއްކުމުގެ ކުރިން މުއަސަސާތަކުން އެ ވާހަކަތައް "ޕްރޯއެކްޓިވްކޮށް" ރައްޔިތުންނަށް ހާމަކުރުން ކަމަށެވެ.

"މިފަދަ ހާލަތްތަކުން ސަލާމަތްވުމަށް މައުލޫމާތު ސިއްރުކޮށް، ވަންހަނާކުރަން އުޅުން ނުވަތަ ވިސްލް ބްލޯވާސްއަށް ފިޔަވަޅު އެޅުން ވާނީ ރަހުމަތްތެރިޔާ ގުރުބާންކުރުން ފަދަ ކަމަކަށް. އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މިހާރު ސިއްރުކުރުމަކީ ކުރެވޭނެކަމެއްވެސް ނޫން،" ސޯޝަލް މީޑިއާއަށް ސިންގާއެއްގެ މިސާލު ޖައްސަވަމުން ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއައްސަސާތަކުން އަމިއްލަ ބްރޭންޑު އިމޭޖާއި އިތުބާރު ދެމެެހއްޓުމަށްޓަކައި މައުލޫމާތު ހާމަކޮށް ހެދުމަކީ އިސްކަން ދޭންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޮކްޓޯބަރ 17، 2018: މައުލޫމާތު ހޯދައި ލިބިގަތުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މީހުންގެ ސިކުޑިތަކުގައި އަޅުގަނޑުމެންގެ އަސްލު ތަސައްވަރު ކުރެހުމަށް ޓަކައި މައުލޫމާތު ހާމަނުކުރާ ނަމަ މި ތަސައްވަރާ މެދު އަޅުގަނޑުމެންގެ ކޮންޓްރޯލްއެއް ނޯންނާނެ. އޭރުން ތަސައްވަރު ބިނާވާނީ އޭނަ ބުނި އެއްޗަކަށް، އެވެނި ނޫހެއްގައި ލިޔުނު ހަބަރަކަށް ނުވަތަ މިވެނި މީހަކު ކުރި ޓްވީޓަކަށް"

ޒިޔަތު ވިދާޅުވީ މައުލޫމަތު ހާމަ ކުރުމަކީ ގާނޫނީ ޒިންމާއެއްގެ އިތުރުން ތަނުގެ ހައިބަތާ ތަސައްވަރު ރަނގަޅުވެ ތަނުގެ ހިންގުން ރަނގަޅުވެ، އެތައް ފައިދާއެއް ލިބޭނެ ކަމެއް ކަމަށެވެ.

މި ހަފްލާގައި ވަނީ މުއަސަސަތަކުން މައުލޫމަތު ހާމަ ކުރާ މިންވަރު ބަލާ ދަރަޖަ ކޮށް އެންމެ މަތީ ދަރަޖަ ލިބޭ ފަރަތްތަކަށް އެވޯޑު ދީފަ އެވެ. އޭގެ އިތުން މި އަހަރު މައުލޫމަތު ހާމަކުރުމުގެ ރަން ވަަނަ ހާސިލް ކޮށްފައިވަނީ މިނިސްޓްރީ އޮފް ޖެންޑާ އިން ފެމިލީ، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލް އިދާރާ އިންނެވެ.

މައުލޫމަތު ހޯދާ ލިބިގަތުމުގެ ދުވަހަކީ މިދިޔަ މަހު 28 ވަނަ ދުވަހެވެ.

comment ކޮމެންޓް