ރައީސް މައުމޫނަށް ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ---

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

ރައީސް މައުމޫނު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅި ކަމަށް ބުނެއެވެ. އެ ދައުވާ އެމަނިކުފާނުގެ މައްޗަށް ކުރީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އެމަނިކުފާނުގެ ފޯނު ދޭން ދެކޮޅު ހެދިކަމަށް ބުނެއެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް މައުމޫންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު މިއަދު އޮތީ އިސްތިއުނާފު މައްސަލައިގައި ހުކުމް ކުރުމެވެ. ހައިކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން އަލީއާއި އަލީ ސަމީރާއި އަބްދުﷲ ހަމީދެވެ.

މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނީ ދައުވާ ލިބޭ ފަރާތަށް ގާނޫނީ ވަކީލެއް ހަމަޖައްސަން އެކަށީގެންވާ ފުރުސަތު ދޭން ގާނޫނު ލާޒިމުކުރާ އިރު، ކްރިމިނަލް ކޯޓުން މައުމޫންގެ މައްސަލަ ކުރިއަށް ގެންދަނިކޮށް އެ މައްސަލައިން އެމަނިކުފާނުގެ ވަކީލުން ތަނާޒުލުވުމުން، އެމަނިކުފާނަށް އެހެން ވަކީލުން ހަމަޖެއްސުމަށް އެކަށީގެންވާ ވަގުތު ކްރިމިނަލް ކޯޓުން ދީފައި ނުވާ ކަމަށެވެ.

އަދި މައްސަލައިގައި ހެކިބަސް ނެގުމަކީ އެންމެ މުހިންމު މަރުހަލާ ކަމަށް ވާއިރު، މައުމޫންއަށް ވަކީލުން ހަމަނުޖެއްސެނީސް ހެކިބަސް ނެގުމުގެ އަޑުއެހުމެއް ބާއްވައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ނެގިކަން ހައިކޯޓުގެ ހުކުމުގައި ފާހަގަކުރިއެވެ.

މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް މައުމޫން ފޯނު ނުދެއްވާކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރިއިރު، އެމަނިކުފާނު ނުދިނީ ކޮން ފޯނެއް ކަމެއް ދައުލަތުން ބަޔާންކޮށްފައި ނުވާކަމަށާއި އެ ފޯނުގައި ފުލުހުން ބޭނުންވާ ފަދަ ހެކި ހުރިކަން، ނުވަތަ ހެކި ހުރިކަމަށް ގަބޫލު ކުރެވެނީ ކޮން ސަބަބަކާ ހުރެކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ދައްކާފައި ނުވާކަން ހައިކޯޓުގެ ހުކުމުގައި ފާހަގަކުރިއެވެ. ފޯނެއް ބޭނުންކޮށްގެން ނަމަވެސް، އެކަކު އަނެކަކާ މުއާމަލާތުކުރުމަކީ އެންމެނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށާއި ފޯނު ނެތިގެން ނުވަތަ އޮތް ތަނެއް ނޭނގިގެން ދެވެން ނެތުމަކީ އޭގެ ޒާތުގައި ކުށެއް ނޫންކަމަށް ހުކުމުގައި ފާހަގަކުރިއެވެ.

މީގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ސިއްރު ހެކި ނަގަނީ ޖިނާއީ ބޮޑު މައްސަލަތަކުގައި، ވަރަށް އިސްތިސްނާ ހާލަތުތަކުގައިކަމަށް ހުކުމުގައި ފާހަގަކުރި އިރު، މައުމޫންއާ ދެކޮޅަށް ނަގާފައިވާ ސިއްރު ހެކިންގެ ތެރެއިން ސިއްރު ހެކިވެރިޔާ ހަތަރެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކުރިއެވެ.

އަދި ޖިނާއީ އެފަދަ މައްސަލަތައް ސާބިތުކުރަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ހެކި ބޭނުންވާއިރު މައުމޫންގެ މައްސަލައިގައި އެ މިންވަރަށް އެމަނިކުފާނާ ދެކޮޅަށް ހެކި ހުށަހަޅާފައި ނުވާކަން ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކްރިިމިނަލް ކޯޓުން މައުމޫންގެ ދީނީ ނަސޭހަތް ދިނުމާއި ވަކާލާތު ކުރުމުގެ ހުއްދަ ބާތިލުކުރީ ގާނޫނުގެ ދަށުން އަދަބެއްގެ ގޮތުގައި ކަމަށްވާ އިރު އެގޮތަށް ކްރިމިނަލް ކޯޓުން ނިންމި ސަބަބު ބަޔާންކޮށްފައި ނެތް ކަމަށް ހައިކޯޓުން ފާހަގަކުރިއެވެ. އެހެން ކަމުން މިއަދު އިއްވި ހުކުމުގައި ވަނީ ،ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި މައުމޫނުގެ ދީނީ ނަސޭހަތް ދިނުމާއި ވަކާލާތުކުރުމުގެ ހުއްދަ ބާތިލުކުރަން ނިންމި ބައި ބާތިލުކޮށްފައެވެ.

މައުމޫންގެ މައްޗަށް ކުރި ހުކުމުގައި ހިމެނޭ އެމަނިކުފާނާ ގުޅޭ ބައި މިއަދު ބާތިލުކުރި ނަމަވެސް، އެ ހުކުމުގައި ހިމެނޭ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ބައި ބާތިލުކޮށްފައި ނުވެއެވެ.

ރައީސް މައުމޫންގެ މައްސަލައިގައި ޝަރީއަތް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ވަރަށް އަވަސް އަރުވާލައިގެންނެވެ. ރޯދަ މަހުގެ ރޭގަނޑުގެ ވަގުތުތަކުގައިވެސް މުހިންމު އަޑުއެހުންތައް ބާއްވާފައިވެއެވެ.

comment ކޮމެންޓް