އާ ސަރުކާރުން ރައްޔިތުންނަށް މައުލޫމާތު އިސްވެ ހާމަކުރާނަން: އިބޫ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލަށް އުފެދޭ ސަރުކާރަކީ ހާމަކަން ބޮޑު ސަރުކާރަކަށް ވާނެ ކަމަށާއި އެ ސަރުކާރުން ރައްޔިތުންނަށާއި ނޫސްވެރިންނަށް މައުލޫމާތު އިސްވެ ހާމަކުރާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

މި ހަފްތާގައި "ސަން"އަށް ދެއްވި އިންޓަވިއުގައި އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުޚާރުގެ ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާގެ މަތިން، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

"މި ސަރުކާރު ވެގެން ދާނީ މައުލޫމާތު ހިއްސާކުރާ ސަރުކާރަކަށް. އިސްވެ އަޅުގަނޑުމެން ހާމަކުރާނަން،" އިބޫ ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ވިދާޅުވީ ގައުމީ ސަލާމަތަށް ޓަކައި ހިފަހައްޓަން ޖެހޭ މައުލޫމާތުތައް ފިޔަވައި އެހެން ހުރިހާ ކަމެއް ސަރުކާރުން ހާމަކުރަމުން ގެންދާނެ ކަމަށާއި ކަންކަމުގައި ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު ވެސް ރައްޔިތުންނަށް އޮންނާނެ ކަމަށެވެ.

"ވުޒާރާތައް ވެސް އޮންނާނީ އެގޮތަށް. ކުރާ ކަންކަން ރައްޔިތުންނަށް އެނގެންވާނެ. ރައްޔިތުންނަށް ވެސް ފާޑުކިއުމުގެ ފުރުސަތު އޮންނަން ވާނެ،"

މިހާރުގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަސް އަހަރު ނިމެން މަހެއްހާ ދުވަހަށް ވެފައިވާ އިރު، އެމަނިކުފާނު ނޫސްވެރިންނާ ސީދާ ގޮތުން ބައްދަލުކުރެއްވީ ވަރަށް މަދު ފަހަރެއްގަ އެވެ. އަދި ނޫސްވެރިންނަށް އެމަނިކުފާނާ ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބުނީ މަދު ފަހަރަކު އެވެ.

އިބޫ ވިދާޅުވި ގޮތުގައި، އެމަނިކުފާނު މަސައްކަތް ކުރައްވާނީ ނޫސްވެރިންނާ ވަރަށް ގާތުންނެވެ.

"[އިންޓަވިއުކޮށް ސުވާލުކުރުމުގެ ފުރުސަތު] އިރާދަކުރެއްވިއްޔާ އަޅުގަނޑު ދޭނަން. ނޫސްވެރިންނާ ވަރަށް ކައިރިން މަސައްކަތް ކުރާ ސަރުކާރަކަށް އަޅުގަނޑުމެން ވާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު ރާއްޖެޓީވީއަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަ ދައްކަވަމުންވެސް ވިދާޅުވީ، މިނިވަން ނޫސްވެރިކަމެއް އޮތުމަކީ މާ ކުރީއްސުރެ ވެސް ދެކެވަޑައިގަންނަމުން އައި ހުވަފެނެއް ކަމަށެވެ.

"ކޮންމެވެސް ވަރަކަށް ނޫސްވެރިކަމުގައި އުޅެފައި ހުރީމަ، އޭގެ ނުރައްކާ އަޅުގަނޑަށް ވެސް އިހުސާސްކުރެވޭ. އެ ދުވަހުން ފެށިގެން ވެސް ދެކެމުން އައި ހުވަފެނެއް އަދި އުންމީދެއް އެއީ، ރާއްޖޭގައި ޒަމާނީ ނޫސްވެރިކަން މިނިވަންކަމާއި ހާމަކަން ބޮޑު ގޮތެއްގައި ކުރެޥޭނެ ގޮތެއް ފެނިގެން ދިއުން،" ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު "ސަންގު"ގެ ނަމުގައި ނެރުނު ނޫހެއްގައި މަސައްކަތް ކުރެއްވި އިބޫ ވިދާޅުވި އެވެ.

comment ކޮމެންޓް