ދިރާގުން މާދަމާ އައިފޯން 10އެސް އަދި 10އެސް މެކްސް ލޯންޗުކުރަނީ

އައިފޯނު 10އެސް އަދި 10އެސް މެކްސް ލޯންޗުކުރާކަން އިއުލާނުކުރުމަށް ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯނުތަކުގެ ތެރެއިން ދެ ފޯނެއް ރާއްޖެއަށް މާދަމާ ރަސްމީކޮށް ލޯންޗުކުރުމަށް ދިރާގުން ތައްޔާރުވެއްޖެއެވެ.

ދިރާގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނިން ބުނީ އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ އައިފޯނު 10އެސް އަދި 10އެސް މެކްސް، އެކުންފުނީގެ ފަރާތުން މާދަމާ ރާއްޖެއަށް ރަސްމީކޮށް ލޯންޗުކުރާނެ ކަމަށެވެ.

ދިރާގުން ބުނީ ފޯނު ޕްރީއޯޑަރުކުރި ފަރާތްތަކަށް މާދަމާ 2:30 އިން ފެށިގެން ދިރާގު ހެޑް އޮފީހުގެ އެކްސްޕީރިއެންސް ސެންޓަރުން ފޯނު ލިބިވަޑައިގަންނަވާނެ ކަމަށާއި އަދި ޕްރީއޯޑަރުކުރި މީހުންގެ ތެރެއިން މާލެ ފިޔަވާ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށްވެސް، އެފަރާތަކާ އެންމެ ކާއިރީ ހުރި ދިރާގު ކަސްޓަމާ ސާވިސް ސެންޓަރަކުން ހަފްތާއެއްހާ ދުވަސް ތެރޭގައި ފޯނު ލިބޭނެ ކަމަށެވެ.

ދިރާގުން އައިފޯނު 10އެސް އަދި 10އެސް މެކްސްއަށް ޕްރީއޯޑަރުކުރުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މާ ގިނައިރުތަކެއް ނުވެ ހުރިހާ ފޯނެއްވެސް ވަނީ ޕްރީއޯޑަރުވެ ހަމަވެފައެވެ.

ޕްރީ އޯޑަރު ނުކުރެވުނު ފަރާތްތަކަށް ހަފްތާއެއްހާ ދުވަސް ތެރޭގައި ސްޓޮކް ލިބުމުން ދިރާގުންއިން ފޯނު ވިއްކަން ފާށާނެ ކަމަށާއި އަދި އިންސްޓޯލްމަންޓަށްވެސް ފޯނު ގަނެވޭނަކަމަށް ދިރާގުން މައުލޫމަތު ދެއެވެ.

އެޕަލްއިން މިދިޔަ މަހު 12 ވަނަ ދުވަހު ވަނީ ތިން ފޯނެއް ބާޒާރަށް ނެރެފަ އެވެ. އެއީ އައިފޯނު 10އެސް އަދި 10އެސް މެކްސްގެ އިތުރުން އައިފޯން 10އާރްއެވެ.

comment ކޮމެންޓް