ޚަޝޯގީ މަރާލިކަން ދޭހަވާ ރެކޯޑިން އެމެރިކާއާ ހިއްސާ ކުރުމަށް އެދެފި

ތުރުކީގެ ފޮރެންސިކް އޮފިސަރުން ސައުދީ ކޮންސިއުލޭޓު ކައިރީ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޮކްޓޯބަރު 18): ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން ގެއްލުނު ނޫސްވެރިޔާ މަރާލިކަން ދޭހަވާ އޯޑިއޯ ރެކޯޑިން އެމެރިކާއާ ހިއްސާ ކުރުމަށް އެގައުމުން އެދެފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި އެގައުމުން ވަނީ ތުރުކީއަށް އެފަދަ ރެކޯޑިންއެއް ލިބިފައިވާ ނަމަ، އެ ރެކޯޑިން ހިއްސާ ކުރުމަށް އެދިފަ އެވެ.

"އެފަދަ ރެކޯޑިންއެއް އޮތް ކަން އަދި ޔަގީން ނުވޭ. ނަމަވެސް ރެކޯޑިންއެއްވާ ނަމަ އަޅުގަނޑުމެންނާ ހިއްސާ ކުރަން ވަނީ އެދިފައި،" ރައީސް ޓްރަމްޕް ވިދާޅުވި އެވެ.

ތުރުކީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ފުލުހުންނަށް ލިބިފައިވާ ރެކޯޑިންއިން އެނގޭ ގޮތުގައި ޚަޝޯގީ މަރާލާފައި ވަނީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. އަދި އޭނާ މަރާލި ވަގުތު ސައުދީ ކޮންސިއުލޭޓުގެ ވެރިޔާ ވެސް ހުންނެވިކަން ރެކޯޑިންއިން އެނގެ އެވެ.

ނަމަވެސް ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ ޚަޝޯގީއަށް ވީގޮތެއް އެނގިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގެ ލިޔުންތެރިއެއް ކަމަށްވާ ޚަޝޯގީ ގެއްލިފައި ވަނީ މިމަހުގެ ދެވަނަ ދުވަހެވެ. އެ މައްސަލައާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވަނީ ސައުދީއަށް ވަޑައިގެން ރަސްގެފާނާއި ވަލީއަހުދާ ބައްދަލުކުރައްވައިފަ އެވެ. އަދި ތުރުކީއަށް ވަޑައިގެން ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ޕޮމްޕިއޯ ވިދާޅުވި ގޮތުގައި ސައުދީން ވަނީ ޚަޝޯގީ ގެއްލުނު މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

comment ކޮމެންޓް