ކަރަންއާއެކު މަސައްކަތް ކުރަން ސަލްމާން ބޭނުން!

ސަލްމާން އަދި ކަރަން ---

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ސަލްމާން ޚާން ބުނެފިއެވެ.

ކަރަން އާއެކު ސަލްމާން މަސައްކަތް ކޮށްފައި ވަނީ އެންމެ ފިލްމެއްގައެވެ. އެއީ ކަރަންގެ ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާހޭ" ގައި ޚާއްސަ ފެނިލުމެއްގެ ގޮތުގައެވެ. ކަރަންގެ އިތުރު ފިލްމަކުން ފުރުސަތު ބޭނުންވާކަން ސަލްމާން ހާމަކޮށްފައި ވަނީ 'ކުޗް ކުޗް ހޯތާ ހޭ' އަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޕާޓީއެއްގައި ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ.

"އަމަން"ގެ ރޯލަށް ސަލްމާން އެއްބަސްވީ އޭނާގެ ދައްތަ، އަލްވިރާގެ އެދުމުގެ މަތިންނެވެ. ސަލްމާނަށް އެ ރޯލު ހުށަހެޅުމުގެ ކުރިން ކަރަން ވަނީ ވަރަށް ގިނަ ތަރިންނަށް އެ ރޯލު ހުށަހަޅައިފައެވެ. ފިލްމުގައި ސަލްމާންގެ ރޯލު ކުޑަ ނަމަވެސް، "އަމަން" އަކީ ފިލްމުގައި ވަރަށް މުހިންމު ކެރެކްޓާއެކެވެ.

"އަލްވިރާ ބުނީ ކަރަންއަކީ ވަރަށް ރަނގަޅު މީހެކޭ އަދި އެއީ ކަރަންގެ ފުރަތަމަ ފިލްމު ކަމުން އެ ރޯލު ކުޅެދިނުމަށް. އޭގެ ފަހުން ކަރަން އާ ދިމާވުމުން އަހަރެން ބުނީ އަލްވިރާގެ އިތުރުން ކަރަންގެ މައިންބަފައިން އަދި ކަރަން އަށް ޓަކައި އަހަރެން އެ ރޯލު ކުޅެދޭނަމޭ،" ވީޑިއޯ މެސެޖުގައި ސަލްމާން ބުންޏެވެ.

ސަލްމާން ބުނީ އޭނާއަށް ފިލްމުގެ ސްކްރިޕްޓު ވެސް ވަރަށް ބޮޑަށް ކަމުދިޔަ ކަމަށެވެ. އަދި ކަރަންގެ ލިޔުންތެރިކަމުގެ ހުނަރާ މެދު ހައިރާންވި ކަމަށެވެ. އަދި ބޮލީވުޑަށް މުޅިން ތަފާތު ރަހައެއް ގެނެސްދިން މީހަކަށް ކަރަން ވާނެ ކަމަށާއި، ކަރަން އަކީ އިންޑަސްޓްރީގައި ހުރި އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު ކަމަށް ބުނެ ސަލްމާން ވަނީ ކަރަން އަށް ތައުރީފު ކޮށްފައެވެ.

ކަރަންއަށް ކާމިޔާބަށް އެދެމުން މެސެޖު ނިންމާލަމުން ސަލްމާން ވަނީ ކޮންމެސް ދުވަހަކުން ކަރަން އާއެކު އަލުން މަސައްކަތް ކޮށްލުމުގެ ފުރުސަތު ދިނުމަށް އެދިފައެވެ.

"ކުޗް ކުޗް ހޯތާ ހޭ"ގައި ލީޑު ރޯލުތަކުން ފެނިގެން ދިޔައީ ޝާހްރުކް ޚާން އަދި ކާޖޮލްއެވެ.

comment ކޮމެންޓް