ރަންވީރުގެ ސަމާލުކަން ހުރީ ކެރިއަރަށް، ކައިވެންޏަކަށް ނޫން!

ރަންވީރު އަދި ދީޕިކާ

މިހާރު އެންމެ ހޫނުކޮށް ދެކެވެމުން އަންނަނީ ބޮލީވުޑްގެ ކާމިޔާބު އަދި އެހާމެ ހިތްގައިމު ޖޯޑު، ރަންވީރު ސިންގ އަދި ދީޕިކާ ޕަދުކޯންގެ ކައިވެނީގެ ވާހަކައެވެ. އަންނަ ނޮވެމްބަރުގައި ދެމީހުން ކައިވެނީގެ ގޮށް ޖަހައިލަން ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް އަންނަނީ ބުނަމުންނެވެ.

ނަމަވެސް ރަންވީރު ބުނީ ދިރިއުޅުމުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދެވިފައި ވަނީ އެކްޓު ކުރުމަށާއި ތަފާތު މޮޅު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.

"މިވަގުތު އަހަރެންގެ ހުރިހާ ވަގުތެއް އަދި ސަމާލުކަމެއް ވެސް ހުސްވެފައި ހުރީ މަސައްކަތަށް. ވަރަށް ގިނަ ފިލްމުތަކެއްގެ މަސައްކަތް މިހާރުވެސް މި އަންނަނީ ކުރަމުން،" ރަންވީރު ބުންޏެވެ.

ރަންވީރު ބުނީ މެދުކެނޑުމެއް ނެތި ތަފާތު ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ނަސީބު އޭނާއަށް ލިބިފައިވާ ކަމަށާއި، އެހެންކަމުން އެ ފުރުސަތުތަކުގެ ބޭނުން އޭނާ އެންމެ ފުރިހަމައަށް ހިފާނެ ކަމަށެވެ.

ދެހާސް ދިހަ ވަނަ އަހަރު ފިލްމު "ބޭންޑް ބާޖާ ބާރާތު" އިން ބޮލީވުޑަށް ތައާރަފުވި ރަންވީރު ބޭނުންވަނީ ފިލްމީ ދާއިރާ ކުރިއެރުވުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ، ގިނަ އެވޯޑުތަކެއް ވެސް ހޯދާފައިވާ ރަންވީރު މިހާރު އަންނަނީ ޒޯޔާ އަޚްތަރުގެ "ގަލީ ބޯއީ"، ކަބީރު ޚާންގެ "83" އަދި ރޯހިތު ޝެޓީގެ "ސިމްބާ" ގައި މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ކަރަން ޖޯހަރުގެ ފިލްމެއްގެ މަސައްކަތް ވެސް ކުރިއަށް އެބަ އޮތެވެ.

comment ކޮމެންޓް