ރައީސް ޔާމީނަށް ނުފުރޭގޮތް ހަދައިދިނުމަށް އެދި އިދިކޮޅުން ފުލުހަށް

ރައީސް ޔާމީން ފިލަން އުޅޭކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅުމަށްފަހު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފިއްލަވަން އުޅޭކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައިދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.

ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަންނަވަން އުޅުއްވާކަން މުޢުތަބަރު ގޮތަކަށް އެނގިފައިވާ ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުން ފުލުސް އޮފީހަށް ހުށަހެޅި މައްސަލައަކީ ތަހުގީގުތައް ނުނިމެނީސް ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފުރުން ހުއްޓުވުމަށް ކަމަށެވެ.

"ގާނޫނުގެ ތެރެއިން ރައީސް ޔާމީން ފުރައިވަޑައިނުގެންނެވޭ ގޮތަށް ރައީސް ޔާމީން ހިފެހެއްޓުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" ހަސަން ލަތީފް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ޞާލިޙަށް ރައްޔިތުން ވޯޓު ދެއްވި މައިގަނޑު އެއް ސަބަބަކީ ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމް ކުރުމަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ކޮންމެހެން ރައީސް ޔާމީން ފުރައިވަޑައިނުގަތުން އެކަންޏެއް ނޫން. އެ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންމެ ރަނގަޅަކަށް ގާނޫނުގެ ތެރެއިން ތަހުގީގުކޮށް އިންސާފު ގާއިމްކޮށް ދިނުން،" ހަސަން ލަތީފް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ކުރައްވަމުން ގެންދަވާ ތުހުމަތުތަކަށް ރައްދު ދެއްވައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވަން އުޅުއްވާ ވާހަކައަކީ ދޮގެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީން އަބަދުވެސް މަސައްކަތް ކުރައްވާނީ އުސޫލުތަކުގެ ތެރެއިން ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި ރައީސް އިސްކުރައްވަނީ ދީނާ ގައުމިއްޔަތުކަމަށް އަދުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް