އިންޑިއާގެ މައްޗަށް ސިރިސޭނާ ތުހުމަތުތަކެއް ނުކުރައްވާ: ލަންކާ

ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ -- ފޮޓޯ: ހިންދުސްތާން ޓައިމްސް

ކޮލަމްބޯ (އޮކްޓޯބަރު 17): ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަވާހަރަކޮށްލަން އިންޑިއާއިން ރާވަމުންދާ ކަމަށް ސިރިސޭނާ ތުހުމަތު ކުރެއްވި ކަމަށް ބުނާ ރިޕޯޓުތައް ލަންކާއިން ދޮގުކޮށްފި އެވެ.

ރައީސް ސިރިސޭނާގެ މީޑިއާ ޑިވިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން ލަންކާގެ ބައެއް މީޑިއާތަކާއި ބޭރުގެ ބައެއް މީޑިއާތަކުން ވަނީ، އިއްޔެ ކެބިނެޓު ބައްދަލުވުމެއްގައި ސިރިސޭނާ އިންޑިއާއާ ދެކޮޅަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް ކުރެއްވި ކަމަށް ރިޕޯޓުކޮށްފަ އެވެ.

އެރިޕޯޓުތަކުގައިވާ ގޮތުން ސިރިސޭނާ ވަނީ އޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރަނީ އިންޑިއާގެ ޚާރިޖީ ޖާސޫސީ އިދާރާ، ރޯގެ އޭޖެންޓެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއޮޕަރޭޝަނާ ބެހޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެނގިނުލެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

ނަމަވެސް ސިރިސޭނާގެ މީޑިއާ ޑިވިޝަނުން ވަނީ އެރިޕޯޓުތައް ދޮގުކޮށްފަ އެވެ. އަދި އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި ރައީސް އަވަހާރަކޮށްލަން ބަޔަކު ރޭވި ކަމަށް ބުނާ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރި ނަމަވެސް، އެރޭވުމުގެ ފަހަތުގައި ވަނީ އިންޑިއާ ކަމަށް ސިރިސޭނާ ވިދާޅުނުވާ ކަމަށް ބުނެފަ އެވެ.

އެރިޕޯޓުތަކާ ގުޅިގެން އިންޑިއާގެ ހައި ކޮމިޝަނަރު ވަނީ ސިރިސޭނާއަށް ފޯނުން ގުޅުއްވައި، މައުލޫމާތު ސާފު ކުރައްވާފައި އެވެ. އަދި އެދެބޭފުޅުން ވަނީ ދެގައުމުގެ ގުޅުމަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

comment ކޮމެންޓް