އިންޑިއާގެ އަލާހްއާބާދުގެ ނަން ބީޖޭޕީން ބަދަލުކޮށްފި

އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔާނަތް -- ފޮޓޯ: އިންޑިއަންއެކްސްޕްރެސް

ދިއްލީ (އޮކްޓޯބަރު 17): އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓުގައި އޮންނަ މުސްލިމް ނަން ކިޔާ ތާރީހީ ސިޓީއެއްގެ ނަން، ހިންދޫންނާ ގުޅުން ހުރި ނަމަކަށް ބަދަލުކޮށްފި އެވެ.

އުއްތަރަ ޕްރަދޭޝްގައި އޮންނަ، އެއް މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އަލާހްއާބާދުގެ ނަން ބަދަލުކޮށްފައި ވަނީ ޕްރަޔާގްރާޖްއަށެވެ.

އުއްތަރަ ޕްރަދޭޝްގެ ހެލްތު މިނިސްޓަރު ސިދާތް ނަތު ސިންހު ވިދާޅުވި ގޮތުގައި އެސިޓީގެ ނަން ބަދަލުކޮށްފައި ވަނީ އެސްޓޭޓުގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނަތް ކެބިނެޓަށް ހުށަހެޅުއްވި ޕްރޮޕޯޒަލްއަކާ ގުޅިގެންނެވެ.

"ހުރިހާ ކެބިނެޓް މެމްބަރުން ވެސް ތިބީ ވަރަށް އުފަލުން އަދި މިއަދުން ފެށިގެން އަލާހްއާބާދުގެ ނަން ވަނީ ޕްރަޔާގްރާޖްއަށް ބަދަލުކޮށްފައި،" މިނިސްޓަރު ސިންހު ވިދާޅުވި އެވެ.

އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހުރޫ ނިސްބަތްވާ އެސިޓީއަށް އަލާހްއާބާދުގެ ނަން ދީފައި ވަނީ މުސްލިމް މޫގަލް ރަސްގެފާނުންގެ ވެރިކަމުގައި، 16 ވަނަ ގަރުނު ތެރޭގަ އެވެ.

ހިންދޫ ފާދިރީއެއް ކަމަށްވާ އަދިތުޔާނަތް އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ކަމަށް ވަޑައިގެންނެވި ފަހުން އޭނާ ވަނީ މޫގަލް ވެރިކަމުގައި ނަން ދީފައިވާ ތަންތަނުގެ ނަން ބަދަލު ކުރަން ހުށަހަޅައިފަ އެވެ. އޭނާގެ މައްޗަށް މީގެ ކުރިން ވަނީ މުސްލިމުންނަށް ހަމަލާ ދިނުމަށް ހިތްވަރު ދެއްވި ކަމުގެ ތުހުމަތުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް