ރައީސް ޔާމީނާ ބެހޭ ވާހަކައެއް ސައުދީ ވަލީއަހުދު ނުދައްކަވާ: ރައީސް ނަޝީދު

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ---

ރައީސް އަބްދުﷲ ޔާމީނާ ގުޅޭ އެއްވެސް ވާހަކައެއް އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ނުދައްކަވާ ކަމަށް، ސައުދީ އަރަބިއްޔާއަށް ދާދި ފަހުން ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ދައުވަތު އެރުއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު ސައުދީއަށް ވަޑައިގެންނެވީ ހޯމަ ދުވަހު އެވެ. އަދި މިއަދު ވަނީ އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ސައުދީ ދަތުރުފުޅުގައި ބައްދަލުކުރެއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަބްދުލްއަޒީޒާ ކަމަށެވެ.

"ރާއްޖެއާ ގުޅޭ ވާހަކަތަކުގައި ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ގުޅުން ބާއްވަން ބޭނުންފުޅު ވަނީ އެއިރެއްގައި އޮންނަ ސަރުކާރާ އެކުގައި ކަމަށް،" ދެބޭފުޅުން ދެއްކެވި ވާހަކަތަކުގެ ހުލާސާއެއް ރައީސް ނަޝީދު ދެއްވި އެވެ.

އަދި ރައީސް ޔާމީނާ ގުޅޭ އެއްވެސް ވާހަކައެއް ވަލީއަހުދު މުހައްމަދު ވިދާޅުނުވާ ކަމަށް ވެސް ރައީސް ނަޝީދު ހާމަކުރެއްވި އެވެ.

ރައީސް މުހައްމަދު ނަޝީދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އެގައުމުގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ވަން ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ދަނޑިވަޅެއްގަ އެވެ. ދުނިޔޭގެ އެކި ފަރާތްތަކުން މިކަމުގައި ސައުދީ އަރަބިއްޔާއަށް ފާޑު ކިޔަމުންދާ އިރު، ގިނަ ބަޔަކު ދަނީ ސައުދީން އޭނާ ކޮންސިއުލޭޓު ތެރޭގައި މަރާލީކަމަށް ތުހުމަތުކުރަމުންނެވެ.

މި މައްސަލާގައި ސައުދީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގައުމުތަކުން ގޮވާލަމުން ދާތީ އެ މައްސަލައިގައި ރާއްޖެ އޮތީ ސައުދީއާ އެކުގައި ކަމަށް ބުނެ ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފަ އެވެ.

އަދި ޖަމާލް ޚަޝޯގީގެ މައްސަލައިގައި ރައީސް މުހައްމަދު ނަޝީދު ވެސް އެއްޗެކޭ ވިދާޅުވެފައި ނުވާތީ ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

comment ކޮމެންޓް