ފްރާންސް އަތުން ވެސް ޖަރުމަނު ބަލިވެއްޖެ

ރޭގެ މެޗުގައި އެންޓުއާން ގްރީޒްމަން ޕެނަލްޓީ ޖަހަނީ-- ފޮޓޯ: ގެޓީ އިމޭޖަސް

ޔޫއެފާ ނޭޝަންސް ލީގުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން 2-1ގެ ނަތީޖާއިން ޖަރުމަނު ބަލިވެއްޖެ އެވެ. ނޭޝަންސް ލީގުގައި ޖަރުމަނު އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ނެތަލޭންޑްސް އަތުން 3-0ގެ ނަތީޖާއިން ބަލިވެފަ އެވެ.

ރޭގެ މެޗުގައި އެންމެ ފުރަތަމަ ގޯލު ޖެހީ ޖަރުމަނުންނެވެ. އެ ގޯލަކީ ލިބުނު ޕެނަލްޓީއަކުން މެޗުގެ 14 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ކުޅޭ މިޑްފީލްޑަރު ޓޯނީ ކްރޫސް ކާމިޔާބު ކުރި ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ގަރުމަނުގެ ސާނޭއަށް ނަތީޖާ ފުޅާ ކުރަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާއަށް އެ ފުރުސަތުގެ ބޭނުން ނިހިފުނެވެ. ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާގައި އޮވެ އެވެ.

ފްރާންސުން މެޗުގެ ނަތީޖާ އެއްވަރު ކުރީ 62 ވަނަ މިނެޓުގަ އެވެ. އެ ގޯލަކީ ލޫކަސް ހެނާންޑޭސްގެ ނެގި ހުރަހެއް ބޮލުން ފޮނުވާލައިގެން އެންޓުއާން ގްރީޒްމަން ކާމިޔާބު ކުރި ގޯލެކެވެ.

ފްރާންސުން މެޗުގެ ނަތީޖާ އަނބުރާލީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ ވެސް ގޯލުގެ ތެރެއަަށް ފޮނުވާލީ ގްރީޒްމަން އެވެ.

ފްރާންސް، ޖަރުމަނު އަދި ނެދަލޭންޑްސް ހިމެނޭ ގްރޫޕުގައި ފްރާންސް އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެއްވަނައިގަ އެވެ. ދެ ވަނައިގައި ނެދަލެންޑްސް އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު އެވެ. ޖަރުމަނު އެންމެ ފުލުގައި އޮތީ ތިން މެޗުން އެންމެ ޕޮއިންޓަކާ އެކު އެވެ. މުބާރާތުގައި ދެން ފްރާންސާއި ނެދަލޭންޑްސް ބައްދަލު ކުރާ މެޗުން ނެދަލޭންޑްސް މޮޅުވެއްޖެ ނަމަ ޖަރުމަނު ނޭޝަންސް ލީގުގެ ދެވަނަ ޑިވިޝަނަށް ރެލިގޭޓު ވާނެ އެވެ.

މި އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ވެސް ޖަރުމަނު ކެޓި އިރު އެ ޓީމުގެ ފަރާތުން ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ފެނިގެން ގޮސްފައެއް ނުވެ އެވެ.

comment ކޮމެންޓް