ޒައިނަބުގެ ގާތިލު ދަންޖައްސައި މަރާލައިފި

ޒައިނަބުގެ ގާތިލު އިމްރާން އަލީ: އޭނާ މަރަން ވަނީ ހުކުމް ކޮށްފައި ---

އިސްލާމްއާބާދު (އޮކްޓޯބަރު 17): މި އަހަރުގެ ޖެނުއަރީ މަހު ޕާކިސްތާނުގައި އުމުރުން ހަ އަހަރުގެ ޒައިނަބު އަންސާރީ ރޭޕްކޮށް މަރާލި އިމްރާން އަލީއަށް މަރުގެ އަދަބު ދީފި އެވެ.

ޕާކިސްތާނުގެ ފުލުހުން ބުނި ގޮތުގައި އިމްރާން ދަންޖައްސާފައި ވަނީ ލާހޯރުގެ ކޮޓް ލަޚުޕަތު ޖަލުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އޭނާ ދަންޖެއްސީ ޒައިނަބުގެ ބައްޕަ އާއި އާއިލާގެ އެހެން މެމްބަރުންގެ ހާޒިރުގަ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ޒައިނަބު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ އެކުއްޖާ ގެއްލިގެން ހޯދާތާ ފަސް ދުވަސް ފަހުންނެވެ. އަދި އެ ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބި، ޒައިނަބަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޭއްވި މުޒާހަރާތަކުގައި ދެ މީހަކު މަރުވި އެވެ.

ޒައިނަބުގެ މަރާ ގުޅިގެން އަލީ ހައްޔަރު ކުރީ ޖެނުއަރީ 23ގަ އެވެ. އޭނާއަކީ ޒައިނަބުގެ އާއިލާގެ ގާތް މީހެއްގެ އިތުރުން އެމީހުންގެ އަވަށްޓެރިއެކެވެ.

ޕާކިސްތާނުގެ ފުލުހުން ބުނާ ގޮތުގައި އަލީ ވަނީ އިތުރު އަށް ކުޑަކުއްޖަކު ރޭޕްކޮށް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. އަދި އޭގެ ތެރެއިން ތިން ކުއްޖަކު ރަހީނުކޮށް، ރޭޕްކޮށް، މަރާލި ކަން އޭނާގެ މައްޗަށް ސާބިތުވެ، އަލީގެ މައްޗަށް ވަނީ ދެފަހަރެއްގެ މަތިން މަރުގެ ހުކުމް އިއްވައިފަ އެވެ.

comment ކޮމެންޓް