ވެނަޒުއޭލާއިން އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލައިފި

ވެނެޒުއޭލާގެ ކަރަންސީ، ސޮވެރިން ބޮލިވާރް (ވ) އަދި އެމެރިކާ ޑޮލަރު (ކ) ގެ ނޫޓުތަކެއް ---

ބައިނަލްއަގުވާމީ ވިޔަފާރިތަކުގައި އެމެރިކާ ޑޯލަރު ބޭނުންކުރުން ވެނަޒުއޭލާއިން ހުއްޓާލައިފިއެވެ.

ޑޮލަރުގެ ބަދަލުގައި ބައިނަލްއަގުވާމީ މުއާމަލާތްތަކުގައި އެގައުމުން ދެން ބޭނުންކުރާނީ ޔޫރޯއެވެ. ވެނަޒުއޭލާއިން މި ފިޔަވަޅު އަޅާފައި މިވަނީ އެމެރިކާއިން ވެނަޒުއޭލާއާ ދެކޮޅަށް ފިޔަވަޅު އެޅުމުންނެވެ. އެގޮތުން އެމެރިކާ ޑޮލަރު ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ވެނަޒުއޭލާއަށް ދަތިކުރަން އެމެރިކާއިން ވަނީ ނިންމައިފައެވެ.

އެމެރިކާގެ މި ފިޔަވަޅުގެ ސަބަބުން ވެނަޒުއޭލާގެ ދަނޑުވެރިކަމާއި ފާމަސީ އިންޑަސްޓްރީއަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. ވެނަޒުއޭލާގެ މިނިސްޓަރ އޮފް އިންޑަސްޓްރީޒް އެންޑް ނޭޝަނަލް ޕްރޮޑަކްޝަން ތޯރިގު އަލް ޢައިސާމީ ވިދާޅުވީ އެމެރިކާގެ އަމަލުތަކަކީ ހައްދުފަހަނަ އަޅާފައިވާ އަމަލުތަކެއް ކަމަށެވެ.

ޑޮލަރު ބޭނުންކުރުން ހުއްޓާލިނަމަވެސް ޔޫރޯއާއި ޗައިނީޒް ޔުއާން ފަދަ ބައިނަލްއަގުވާމީ މާކެޓުތަކުގައި ގަނެވިއްކަން ބޭނުންކުރާ ފައިސާ ވެނަޒުއޭލާގެ އެކްސްޗޭންޖު މާކެޓުގައި ބޭނުންކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑޮލަރު ބޭނުންކުރުން ހުއްޓާލުމުން ވިޔަފާރިތަކަށާއި ބޭންކުތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ދެ ބިލިއަން ޔޫރޯ ވިއްކަން ސަރުކާރުން ވަނީ ނިންމައިފައެވެ.

އެމެރިކާއިން ވެނަޒުއޭލާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާއިރު އެގައުމަށް ވަނީ އިގްތިސޯދީ ކާރިސާއެއް ދިމާވެދާނެކަމުގެ ބިރު ކުރިމަތިވެފައެވެ.

comment ކޮމެންޓް