އުމުރުން 10 އަހަރުގައި ފެށުނު އެކުވެރިކަން، އަދިވެސް އެގޮތުގައި

ރިޔާސީ ކެމްޕޭނުގެ ތެރެއިން ސްރީލަންކާގައި ބޭއްވި ޖަލްސާގެ ކުރިން އިންތިހާބީ ރައީސް އިބޫ ސޯލިހު (ވ) އަދި ރައީސް ނަޝީދު (މ) އަދި ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ (ކ) -- ފޮޓޯ/ އިމްތިޔާޒް ފަހުމީ (ޓްވިޓާ)

އެންމެ ފުރަތަމަ ދިމާވީ އުމުރުން 10 ވަރަކަށް އަހަރު އެވެ. ޅަފަތުގެ ދުވަސްވަރުން ފެށިގެން އުފެދުނު ވަރުގަދަ ރަހުމަތްތެރިކަން، 40 އަހަރު ފަހުން ވެސް އޮތީ ހަމަ އެ ވަރުގަދަކަން މަތީގައި ދެގޮތެއް ނުވެ އެވެ.

ސިޔާސީ ދާއިރާގައި ދެ ރަހުމަތްތެރީން ވެސް އެކުގައި އުޅުއްވި އިރު، 2008 ވަނަ އަހަރު އޭގެ ތެރެއިން އެއް ބޭފުޅަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވި އެވެ. އޭގެ 10 އަހަރު ފަހުން ދެވަނަ ބޭފުޅާ ވެސް އެމަގާމަށް އިންތިހާބުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވާ ގޮތުގައި، އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދު ވެސް ހެޔޮ ނަސޭހަތާއި ލަފާ ދެއްވާ، ރަނގަޅު ރަހުމަތްތެރިއެކެވެ. ނަމަވެސް އެއީ ނަސޭހަތްދީ އުޅުމަށް ވުރެ މާ ގާތް ދެ ބޭފުޅުންނެވެ. އެކަކު އަނެކަކު މާ ރަނގަޅަށް ވެސް ދަނެ އެވެ.

އިންތިހާބީ ރައީސް އިބޫ (ކ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) ޒުވާން ދުވަސްވަރުގެ ފޮޓޯއެއް -- ފޮޓޯ/ އިބްރާހިމް މުހައްމަދު ސޯލިހު (ޓްވިޓާ)

"އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް ނަސޭހަތް ދިނުމަށް ވުރެ މާ ގާތްކޮށް އުޅޭ ދެމީހުން. އެކަކަށް އަނެކަކު ކުރަން ބޭނުން ވަނީ ކޮން ކަމެއްކަން މާ ކުރިން އިހުސާސްކުރެވޭ. އަޅުގަނޑަށް އެނގޭ ރައީސް ނަޝީދުގެ ވިސްނުން ކަމެއްގައި ހުންނާނެ ގޮތް. ހަމަ އެފަދައިން ރައީސް ނަޝީދަށް ވެސް އަޅުގަނޑުގެ ވިސްނުން އެނގިވަޑައިގަންނަވާނެ،" ސެޕްޓެމްބަރު 23 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް ނަޝީދު ހުންނެވީ ސްރީލަންކާގަ އެވެ. އަދި ސްރީލަންކާގައި ހިންގި ކެމްޕޭނު ހަރަކާތްތަކުގައި އެމަނިކުފާނު އަމަލީ ގޮތުން ބައިވެރިވެސް ވެވަޑައިގަތެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެކުގައި މަސައްކަތް ފެށި އިރު، ކޮންމެ ޕާޓީއަކުން ވެސް ވެރިކަމަށް ކުރިމަތިލުމަށް ޕާޓީން އެދޭ ބޭފުޅެއް ވެސް ހުންނެވި އެވެ.

އިންތިހާބީ ރައީސް އިބޫ (ކ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) ޒުވާން ދުވަސްވަރުގެ ފޮޓޯއެއް -- ފޮޓޯ/ ސޯޝަލް މީޑިއާ

"އަޅުގަނޑުމެން އެމްޑީޕީން ވެސް ބޭނުންވާ ލީޑަރެއް އެބަހުރި ވެރިކަމަށް ކުރިމަތިލާން. އެކަމަކު ކަން ދިމާކުރި ގޮތުން އިންތިހާބާ ހަމައަށް އައި އިރު ކުރިމަތިލެވޭ ގޮތަކަށް ނޫން އޮތީ ގާނޫނީ ގޮތުން،" ރައީސް ނަޝީދަށް ނިސްބަތްކުރައްވަމުން އިބޫ ވިދާޅުވި އެވެ.

ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން ރާއްޖެއިން ބޭރުގައި ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދަވާ އިރު، އެ ހާލަތުގައި ވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ނަޝީދުގެ ދައުރުގެ ބޮޑުކަމުގެ ވާހަކަތައް އިބޫ ވިދާޅުވެދެއްވި އެވެ.

"ކެމްޕޭނުގެ ތެރޭގައި ރައީސް ނަޝީދު ހުންނަވަން ޖެހިވަޑައިގަތީ ރާއްޖެއިން ބޭރުގައި، ރާއްޖެ ނާދެވި. އަމަލީ ގޮތުން ރާއްޖޭގައި ހުރެގެން ކުރައްވަންވާ ބައެއް ކަންކަން ނުކުރެވި ހުރެދާނެ. ނަމަވެސް ބޭރުގައި ހުންނަވައިގެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވިކަމަށް އަޅުގަނޑު ގަބޫލުކުރަން. ކުރައްވާފައި އޮތީ ވެސް. އަދި އޭގެ ނަތީޖާ ވެސް ފެނިގެން ގޮސްފައި އެބަ އޮތް،" ރިޔާސީ ކެމްޕޭނަށް ރައީސް ނަޝީދުގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލުމާ ބެހޭ ގޮތުން އިބޫ ވިދާޅުވި އެވެ.

އިބޫގެ ވެރިކަމެއްގައި ރައީސް ނަޝީދުގެ ދައުރަކަށް ވާނީ ކޮން ކަމެއްތޯ ސުވާލު ކުރުމުން އިބޫ ވިދާޅުވީ، ނަޝީދަކީ އެމަނިކުފާނަށް ހެޔޮ ލަފާ ދެއްވާނެ ބޭފުޅެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށެވެ.

"[ކަންކަމުގައި] ފެންނަ ގޮތް އަޅުގަނޑުމެން އަބަދު ވެސް ބުނަން. މިވެނި ކަމެއް ގޯހޭ އަޅުގަނޑަށް ވެސް ބުނެވޭނެ ރައީސް އަރިހުން. ހަމަ އެފަދައިން ރައީސް ވެސް ވިދާޅުވާނެ އަޅުގަނޑަށް. ކުރިއަށް އޮތްތަނުގައި ވެސް [ރައީސް ނަޝީދު] އެކަން ކުރިއަށް ގެންދަވާނެ، އަޅުގަނޑަށް ރަނގަޅު ހެޔޮ ލަފާ ދެއްވާ ބޭފުޅެއްގެ ގޮތުން،" އެކުވެރި ރައީސް ނަޝީދާ އޮތް ވަރުގަދަ، ގާތް ގުޅުމާ ބެހޭ ގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް