ސައޫދީއާ ދެކޮޅަށް ފިޔަވަޅު އަޅާކަށް އެމެރިކާއަކަށް ނުކެރޭނެ: ތަޖްރިބާކާރުން

ވޮޝިންގްޓަން (އޮކްޓޯބަރ 16): ގެއްލިފައިވާ ސައޫދީ ނޫސްވެރިޔާ ޖަމާލް އަލް ޚާޝުގްޖީގެ މައްސަލާގައި ސައޫދީއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ ހަރުކަށި އިންޒާރު އެމެރިކާ ދިން ނަމަވެސް އެއީ އަމަލީގޮތުން ކުރަން އެމެރިކާއަށް ކެރޭކަމެއް ނޫންކަމަށް ތަޖްރިބާކާރުން ވިދާޅުވެއްޖެއެވެ.

ސައޫދީއާއި އެމެރިކާގެ ގުޅުންތައް ދިރާސާކުރައްވާ ތަޖްރިބާކާރުންނާއި މުހައްލިލުން ވިދާޅުވާ ގޮތުގައި ސައޫދީއަކީ ދުނިޔޭގެ ތެލުގެ އެކްސްޕޯޓް 12 އިންސައްތަ ޙިއްސާކުރާ ހަމައެކަނި ގައުމެވެ. ސައޫދީން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ މިންވަރު ދުވާލެއްގެ މައްޗަށް ދެ މިލިޔަން ފީފާއަށް ދައްކޮށްލިނަމަވެސް ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އަރައިގެންދާނެ ކަމަށާ މި ހާލަތު ދިގުލައިފިނަމަ އެމެރިކާގެ އިގްތިސާދު އިނދަޖެހިގެންދާނެ ކަމަށް އެފަރާތްތަކުން ދެކެއެވެ. އަދި ސައޫދީއަކީ އެމެރިކާގެ ހަތިޔާރުގެ އުފެއްދުންތަކުގެ 20 އިންސައްތަ ގަންނަ ހަމައެކަނި ގައުމު ކަމަށްވާއިރު ސައޫދީން އެމެރިކާގެ ހަތިޔާރު ނުގެންފިނަމަ އެމެރިކާގެ ހަތިޔާރުގެ އިންޑަސްޓްރީވެސް އިނދަޖެހިގެންދިޔުން ގާތްކަމަށް ތަޖްރިބާކާރުން ވިދާޅުވިއެވެ.

ނަމަވެސް ސައޫދީއާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެމެރިކާގެ ބަލިކަށިކަމާ ނުކުޅެދުންތެރިކަން ބޭޒާރުވެދާނެތީ އެމެރިކާ ސައޫދީއާ ދެކޮޅަށް ކޮންމެވެސް ފިޔަވަޅުތަކެއް އެޅުން އެކަށީގެންވާ ކަމަށާ ނަމަވެސް އަޅާނީ ވަރަށް އާދައިގެ ރަމްޒީ ފިޔަވަޅުތަކެއް ކަމަށް އެފަރާތްތަކުން ދެކެއެވެ.

ނަންހާމަ ކުރަން ނޭދޭ އެމެރިކާގެ ތިން މަސްއޫލުވެރިއަކުވަނީ ޚާޝުގްޖީގެ މައްސަލާގައި ސައޫދީއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ދިރާސާ ކުރަމުން ގެންދާކަމަށްވެސް ވިދާޅުވެފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ސައޫދީއާ އެކު ބާއްވާ ޑިޕްލޮމެޓިކް ގުޅުންތައް ދަށްކުރުމާއި ޚާޝުގްޖީ ގެއްލުމުގެ މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ސައޫދީ ވަކިވަކި މަސްއޫލުވެރިންނާ ދެކޮޅަށް ފަރުދީ ފެންވަރުގެ ފިޔަވަޅުތަކެއް އެޅުމާ މިމަހުގެ ފަހުކޮޅު ސައޫދީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓްމަންޓް ފޯރަމްގައި އެމެރިކާގެ ކުންފުނިތައް ބައިވެރިވާ މިންވަރު ކުޑަކުރުން ހިމެނޭކަން އެމެރިކާގެ ތިން މަސްއޫލުވެރިން ހާމަކުރެއްވިއެވެ.

މިއީ ކުރިން އެމެރިކާ ދިން އިންޒާރުތަކާބަލާއިރު ވަރަށް އާދައިގެ ފިޔަވަޅުތަކެކެވެ. ޓްރަމްޕްވެސް ވަނީ ޚާޝުގްޖީގެ މައްސަލާގައި ސައޫދީ އާ ދެކޮޅަށް ވޭންދެނިވި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރުތަކެއް ދެއްވުމަށްފަހު އެފަދަ ފިޔަވަޅުތަކުން އެމެރިކާއަށް ލިބިދާނެ ގެއްލުންތަކާމެދު ކަންބޮޑުވާކަމަށް ވިދާޅުވެ ފަހުން އޭނާގެ ވާހަކައިގެ ރާގު ބަދަލުކުރައްވާފައެވެ.

މިމައްސަލާގައި އެމެރިކާ ދިން އިންޒާރުތަކުގެ ރައްދުގައި ސައޫދީވެސް ވަނީ އެމެރިކާއާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފައެވެ. ސައޫދީ ރަސްކަމުގެ ދާއިރާތަކާ ގާތް ގުޅުންތަކެއް އޮންނަ ލިޔުންތެރިއެއްކަމަށްވާ ތުރުކީ އައްދަޚީލް ވަނީ އެމެރިކާ ސައޫދީއާ ދެކޮޅަށް ފިޔަވަޅެއް އަޅައިފިނަމަ އެމެރިކާއާ ދެކޮޅަށް އަޅާނެ ތިރީހަށްވުރެ ގިނަ ފިޔަވަޅު ދިރާސާކޮށްފައިވާ ކަމަށް ވިދާޅުވެއެވެ. މީގެތެރޭގައި ސައޫދީން އެމެރިކާއަށް ވިއްކާ ތެލުގެ މިންވަރު ދަށްކޮށްލުމާއި އެމެރިކާގެ ހަތިޔާރުގެ ބަދަލުގައި ރަޝިޔާއިން ހަތިޔާރު ގަތުމާއި ސައޫދީގެ ސްޓްރެޓީޖިކް ސަރަހައްދެއް ކަމަށްވާ ތަބޫކްގައި ރަޝިޔާގެ އަސްކަރީ ބޭހެއް ގާއިމް ކުރުމުގެ ފުރްސަތު ދިނުން ހިމެނޭކަމަށް ދަޚީލް ވިދާޅުވިއެވެ.

މިއީ މި މައްސަލާގައި އެމެރިކާއާ ދެކޮޅަށް ސައޫދީ ސަރުކާރުން ދިން ފުރަތަމަ އިންޒާރެވެ. ސައޫދީގެ އިންޒާރުތަކާބެހޭގޮތުން އެމެރިކާ އެކައްޗެއްވެސް ބުނެފައެއް ނުވެއެވެ.

ގެއްލިފައިވާ ސައޫދީ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީއާ ބެހޭގޮތުން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ފޯނުން ގުޅުއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޚާޝުގްޖީ އާބެހޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިގެންފައި ނުވާކަމަށް ސަލްމާން ވިދާޅުވިކަން ހާމަކުރައްވާފައެވެ. ވައިޓް ހައުސްގެ ބަގީޗާގައި ހޯމަދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ޚާޝުގްޖީ ގެއްލުމާބެހޭގޮތުން އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާކަން ސަލްމާން ރަސްގެފާނު އޭނާއަށް ކަށަވަރުކޮށް ދެއްވި ކަމުގައެވެ. ނަމަވެސް އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ގާނޫނަށް ބޯނުލަނބާ ހަރުކަށި ބަޔަކު ޚާޝުގްޖީއަށް ކަމެއްކޮށްފައިވުން އެކަށީގެންވާ ކަމުގެ އިޝާރާތެއް ސަލްމާން ރަސްގެފާނު ދެއްވި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ތުރުކީ ސަރުކާރުންވަނީ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓަށް ޚާޝުގްޖީ ވަނުމުން އެތަނުގައި އޭނާއަށް އަނިޔާކޮށް މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ސައޫދީ ސަރުކާރުން އެކަން ދޮގުކުރެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް