ހައުސިންގް މިނިސްޓްރީން ނިއުޕޯޓަށް ދޭން އުޅުނު 15 މިލިއަން ހުއްޓުވައިފި

ޗާޓައިމް -- ފޮޓޯ/ ސްޓްރާޑާ

ހައުސިންގް މިނިސްޓްރީން ނިއުޕޯޓަށް ދޭން އުޅުނު 15 މިލިއަން ރުފިޔާ ދިނުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ މިނިސްޓްރީއަށް އަންގައިފި އެވެ.

ނިއުޕޯޓަށް 15 މިލިއަން ދޭން ހައުސިންގް މިނިސްޓްރީން ނިންމާފައިވަނީ ބްރިޖު ވިއު ސަރަހައްދުގައި ހަދާފައި ހުރި ޗާ ޓައިމް އެތަނުން ނަގަން ބަދަލެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭސީސީން ހައުސިންގް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ ބުނެފަ އެވެ.

އަދި އެ ކޮމިޝަނަށް ލިބިފައިވާ އެކަމުގެ ޝަކުވާއާ ގުޅިގެން އެމައްސަލަ ބަލަމުންދާ ކަމަށްވެސް އިއްޔެ ފޮނުވި އެ ސިޓީގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން ބްރިޖު ސަރަހައްދުގައި ހަދާފައި ހުރި ޗާޓައިމް ނެގުމަށް ދޭން ޖެހޭ ބަދަލުގެ ގޮތުގައި ފައިސާ ދޫކުރުމުގެ ހުރިހާ މުއާމަލާތެއް ކުރިއަށް ނުގެންދަން އޭސީސީން ވަނީ ސިޓީއިން އަންގާފަ އެވެ. އަދި އެމައްސަލައާ ގުޅޭ ލިޔުންތައް ފޮނުވާ ދިނުމަށްވެސް ވަނީ އަންގާފަ އެވެ.

ނިއުޕޯޓަކީ ޕީޕީއެމް ކައުންސިލު މެމްބަރެއްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

comment ކޮމެންޓް