އިޓަލީ އަތުން ބަލިވެ ޕޮލެންޑު ރެލިގޭޓު ވެއްޖެ

ރޭ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޕޮލެންޑާއި އިޓަލީ ބައްދަލު ކުރި މެޗުގެ ތެރެއިން---

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޕޮލެންޑާއި އިޓަލީ ބައްދަލުކުރި މެޗުން އިޓަލީ މޮޅުވުމާއެކު ޕޮލެންޑު ނޭޝަންސް ލީގުގެ ދެވަނަ ޑިވިޝަނަށް ރެލެގޭޓު ވެއްޖެއެވެ.

ވޯލްޑް ކަޕާއި ޔޫރޯ ފުޓުބޯޅަ މުބާރާތް ނޯންނަ އަހަރުތަކުގައި ބާއްވާ ޔޫއެފާ ނޭޝަންސް ލީގަކީ ޔޫރަޕުގެ ގައުމުތަކަށް ހާއްސަ ފުޓުބޯޅަ މުބާރާތެކެވެ. ތިން ޓީމުގެ ގްރޫޕުތަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މުބާރާތުގެ ގްރޫޕުތަކުގެ އެއްވަނަ ޓީމު އަންނަ އަހަރު އޮންނަ ފައިނަލް ބުރަކަށް ދަތުރު ކުރާނެއެވެ. ގްރޫޕުތަކުގެ ފުލަށް ދާ ޓީމުތައް ދެވަނަ ޑިވިޝަނަށް ރެލިގޭޓު ވާނެއެވެ. ދެން އޮންނަ ނޭޝަންސް ލީގު މުބާރާތުގެ ޑިވިޝަންތަކަށް ޓީމުތައް ރޭންކްކުރެވޭނީ މި އަހަރުގެ މުބާރާތުންނެވެ.

ރޮބާޓޯ މާޓިނޭޒްގެ ކޯޗުކަމުގެ ދަށުން ނުކުތް އިޓަލީގެ ފަރާތުން ރޭގެ މެޗުގައި ވަނީ އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި އިޓަލީގެ ޖޯގިނިއޯ ނެގި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއާ އަމާޒުވެފައެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި ފްރެޑްރިކޯ ކިއެސާ ފޮނުވާލި ހަމަލާއެއްވެސް ވަނީ ގޯލުގެ ދަނޑިއާ އަމާޒުވެފައެވެ.

މުޅި މެޗުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ އިޓަލީއިންނެވެ. އެހެން ނަމަވެސް، ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ގޯލެއް ޖެހޭ ގޮތް ނުވެފައެވެ.

މެޗުގެ ހަމައެކަނި ގޯލު ވަނީ މެޗުގެ 90 މިނެޓު ނިމި އިތުރު ވަގުތުގެ ގޮތުގައި ދިން ދެ މިނެޓުގެ ތެރޭގައެވެ. ކްރިސްޓިއާނޯ ބިރާގީ ޖެހި އެ ގޯލަކީ ކޯނަރެއްގައި ނެގި ހުރަހެއް ކެވިން ލަޒާނާ ބޮލުން ޖައްސާލުމުން ލިބުނު ފުރުސަތެއްގައި ޖެހި ގޯލެކެވެ.

ރޮބާޓޯ މާޓިނޭޒްގެ ކޯޗު ކަމުގެ ދަށުން އިޓަލީގެ ގައުމީ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ޒުވާން ކުޅުންތެރިންނަށް ދަނީ ޓީމުން ޖާގަ ދެމުންނެވެ. ނަމަވެސް ޖޯޖިއޯ ކިއެލީނީ އާއި ލިއޮނާޑޯ ބޮނޫޗީ ފަދަ ތަޖުރިބާކާރު ކުޅުންތެރިން އަދި ވެސް ޓީމުގައި ހިމެނެއެވެ.

ނޭޝަންސް ލީގުގައި މިއަދު ކުޅޭ މެޗުތަކަށް ބަލާއިރު ގްރޫޕް 4ގައި ސްޕެއިން އާއި އިންގްލެންޑު ބައްދަލު ކުރާނެއެވެ.

comment ކޮމެންޓް