އުރުދުންއާއި ސީރިއާގެ ބޯޑަރު އަލުން ހުޅުވަނީ

އުރުދުން އާއި ސީރިއާ ގުޅޭ ނަސީބު ބޯޑަރު ހުޅުވަން ދެ ގައުމުން ވަނީ ނިންމާފަ -- ފޮޓޯ: އޭޕީ

އައްމާން (އޮކްޓޯބަރު 15): އުރުދުން އާއި ސީރިއާ ގުޅޭ "ނަސީބު ބޯޑަރު" ބަންދުކުރިތާ ތިން އަހަރު ފަހުން އެބޯޑަރު އަނެއްކާވެސް ހުޅުވާލަން ނިންމާފައިވާ ކަމަށް ދެގައުމުން ބުނެފިއެވެ.

އުރުދުންގެ ސަރުކާރުގެ ތަރުޖަމާނު ޖުމާނާ ގުނައިމަތާ ހަވާލާދީ އެގައުމުގެ ނޫހެއްގައިވާ ގޮތުން ނަސީބު ބޯޑަރު ހުޅުވަން ހަމަޖެހިފައި ވަނީ މިއަދެވެ. އަދި އެއީ އުރުދުން އާއި ސީރިއާއާ ދެމެދު ވިޔަފާރި ކުރުމަށް މުހިއްމު މަގެއް ކަމަށާއި ބޯޑަރު ހުޅުވަން ނިންމީ ދެ ގައުމުން މަޝްވަރާ ކުރުމަށް ފަހު ކަމަށް ނޫހުގައިވެއެވެ.

ނަމަވެސް މިއަދު އެބޯޑަރު ރަސްމީކޮށް ހުޅުވާލިޔަސް، ދެ ގައުމުގެ މެދުގައި ދަތުރުފަތުރު ވަގުތުން ނުފެއްޓޭނެ ކަމަށް އުރުދުންއިން ބުންޏެވެ.

ސީރިއާގެ އިންޓީރިއާ މިނިސްޓްރީންވެސް ވަނީ، އެގައުމުގެ ހަނގުރާމައާ ގުޅިގެން ބަންދު ކުރި އުރުދުންގެ ބޯޑަރު މިއަދު ހުޅުވަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

އުރުދުންގެ ބޯޑަރު ހުޅުވުން ވެގެންދާނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަކަށެވެ. ސަބަބަކީ އެބޯޑަރު ހުޅުވާލުމުން، ސީރިއާއިން އަރަބި ގައުމުތަކަށް މުދާ އެކްސްޕޯޓު ކުރުމަށް ފަސޭހަ ވެގެންދާނެތީއެވެ.

comment ކޮމެންޓް