އިންޑިއާގެ ގޯއެއާގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި

ގޯ އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ފުރަތަމަ ފްލައިޓު ވީއައިއޭގައި ޖައްސާފައި --- ފޮޓޯ: އެމްއޭސީއެލް

އިންޑިއާގެ އެއާލައިނެއްކަމަށްވާ ގޯ އެއާ އިން ރާއްޖެއަށް ދަތުރު ފަށައިފި އެވެ.

ގޯ އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް އިއްޔެ ވަނީ އެ އެއާލައިނުން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މުމްބާއީ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި އެ ފްލައއިޓަށް މަރުހަބާކިޔާފައި ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީއީއޯ ހުސެއިން ޖަލީލް އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އަދި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އެވެ.

ގޯ އެއާ އިން މުމްބާއީ އާއި މާލެ އާ ދެމެދު ދަތުރުތައް ފަށާފައިވާ އިރު، ނިއުދިއްލީ އާއި މާލެ އާ ދެމެދު ވެސް ދަތުރުތައް ބާއްވާނެ ކަމަށް ގޯ އެއާ އިން ބުނެ އެވެ. މުމްބާއީ އާއި މާލެ އާ ދެމެދު ހަފްތާއަކު ތިން ދަތުރުކުރާނެ އެވެ. އަދި ނިއުދިއްލީ - މާލެ ދަތުރުތައް ބާއްވަން ނިންމާފައި ވަނީ ހަފްތާ އަކު ދެ ދުވަހު އެވެ.

ގޯ އެއާގެ ދަތުރުތައް ފެށުމާ އެކު އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ އެވެ.

ގޯ އެއާ އަކީ 2005 ވަނަ އަހަރު ދަތުރުތައް ފެށި އެއާލައިނެކެވެ. އެ އެއާލައިނުން ވަނީ ތައިލެންޑާއި އިންޑިއާ އާ ދެމެދު ވެސް ދަތުރުތައް ފަށައިފަ އެވެ.

comment ކޮމެންޓް