ކޯލިޝަން ސަރުކާރަކަށް އުންމީދު ބޮޑު، ދެމެހެއްޓޭނެބާ؟

ޖުލައި 26، 2018: އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެންޑިޑެންސީ ފޯމު ހުށަހެޅުއްވުމަށް އިލެކްޝަންސް އަށް ވަޑައިގެންނެވި އިރު އަރިހުގައި އިއްތިހާދުގެ ބައިވެރިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ އިދިކޮޅު ހަތަރު ލީޑަރުން އިއްތިހާދުވެ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު މިވަނީ ވޯޓުން ބަލިކޮށްފަ އެވެ. މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ގިނިކިންޏާ ނިކުމެވަޑައިގެން މިހާރުގެ ރައިސް ޔާމީން 96،052 ވޯޓު ހޯއްދެވި އެވެ. އިދިކޮޅު ޕާޓީތަކުން އިއްތިހާދުވެ، ނެރުނު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ޔާމީނަށް ވުރެ، 38،653 ވޯޓު އިތުރަށް ހޯއްދަވައިގެން، 134،705 ވޯޓާ އެކު އެވެ.

ނަމަވެސް ބައެއް މީހުންގެ ހިތްތަކުގައި އުފެދޭ ސުވާލަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ކޯލިޝަން ދެމެހެއްޓިދާނެތޯއޭ އެވެ.

ރާއްޖޭގެ ޑިމޮކްރަސީގެ ކުރު މާޒީއަށް ނަޒަރު ހިންގާލާ އިރު ގިނަ ޕާޓީތަކުން ބައިވެރިވާ ސަރުކާރުތަކުގައި ހިމެނޭ ކޯލިޝަންތައް މާ އަވަހަށް ރޫޅެ އެވެ. ފެހި ގާނޫނު އަސާސީއަށް ފަހު ރާއްޖޭގައި ކޯލިޝަންތަކުން އުފެއްދި ދެ ސަރުކާރެއް ފެނިއްޖެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުން ކުރި ހޯއްދެވީ ކޯލިޝަނަކާ އެކު އެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް މިހާރުގެ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރުގެ އިންތިހާބުން ވެސް ކުރި ހޯއްދެވީ ކޯލިޝަނަކާ އެކު އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި މައްސަލަ ޖެހުނު މަންޒަރު ފެނިގެން ދިޔަ އެވެ.

2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު، ރައީސް އަބްދުﷲ ޔާމިން ކޯލިޝަން ބައިވެރިންނާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވަނީ، އެ ކޯލިޝަންވެސް ވަނީ މާގިނަ ދުވަހެއް ނުވެ ރޫޅިފައި -- ފޮޓޯ އިބްރާހިމް އައްސަދު

އޭގެ ތަޖުރިބާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ކޯލިޝަން ސަރުކާރެއް ހިންގުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ކޯލިޝަން ސަރުކާރެއް ހިންގުމަކީ ގަބޫލުކުރާ ކަމެށް ނޫން ކަމަށެވެ. ރިޔާސީ ކެމްޕޭނުގައި ދިއްގަރަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އަސްލު ފިކުރުގެ ތެރެއަށް އެހެން ފިކުރުތައް އައުމުން ފިކުރު ތަޣައްޔަރުވެ، އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

"ސަރުކާރުން ސަރުކާރުގެ ވަޒީރުން ރަށްރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ވެސް. އެކި ވުޒާރާ ބެހިފައި ހުންނަނީ ކޯލިޝަނުގެ ތެރޭން ކަމަށްވާތީ، މަސައްކަތް ހިންގުމުގެ ސްޕީޑުގައި މައްސަލަތަކެއް އެބައުޅޭ. މިއަދު މިފެންނަނީ އެ ތަފާތު. މިއަދު އެ ތަފާތު ފެންނަނީ މިއަދު އަޅުގަނޑުމެންގެ ސަރުކާރު މި ހިންގަނީ ސަތޭކައިން ސަތޭކަ ޕީޕީއެމް ކެބިނެޓަކާ އެކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ދެކެވަޑައިގަންނަވާ ގޮތް

ރައީސް ޔާމީން އެހެން ވިދާޅުވި ނަމަވެސް، އިދިކޮޅު ހަތަރު ލީޑަރަކާ އެކު މިހާރު އުފެދިފައިވާ ކޯލިޝަނުގެ އުންމީދު ބޮޑެވެ. އިދިކޮޅުު ތިން ޕާޓީގެ އިތުރުން އެ ޕާޓީތަކާ ގުޅިގެން މަސައްކަތްކުރައްވާ ކުރީގެ ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީޑަޝިޕްގެ ދަށުން އަންނަން އޮތް ކޯލިޝަން ސަރުކާރު ދެމެެހެއްޓޭނެ އެވެ. މާޒީ ތަކުރާރެއް ނުވާނެ އެވެ.

3 ޖުލައި 2017: މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އިދިކޮޅު ކޯލިޝަނުން އެކަމުގެ އުފަލުގައި ބޭއްވި ޖަލްސާގެ ތެރެއިން، ކޯލިޝަން ބައިވެރިންނަށް ކޯލިޝަން ސަރުކަރެއް ދެމެހެއްޓޭނެ ކަމާ މެދު އުންމީދު ބޮޑު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޚުދު އިބޫ ވެސް މިކަން ގަބޫލުކުރައްވަ އެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އިދިކޮޅު ޕާޓީތައް ގުޅިގެން މަސައްކަތް ކުރަން ފެށި އިރު، އެކަމަށް އަލިއަޅުއްވާލައްވަމުން އިބޫ "ސަން"އަށް ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ވެސް ހަތަރު ފިކުރުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުނު ނަމަވެސް ހައްލު ނުކުރެވޭ ވަރުގެ ކަމެއް ކުރިމަތިވެފައި ނެތް ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ ފުރިހަމަ ޔަގީންކަން އެބައޮތް [ކޯލިޝަން ދެމެހެއްޓޭނެ ކަމުގެ]، އަޅުގަނޑު މުޅި ހަޔާތް މި ދިޔައީ ހަމަ އެކަމުގައި [ސިޔާސީ ދާއިރާގައި]. އެއީކީ އަޅުގަނޑަށް ދަތި ކަމެއް ކަމަށް ނުދެކެން. ހިޔާލު ތަފާތުވުންތައް ހުންނާނެކަން އެނގޭ، އަދި އެކަން ގަބޫލު ކޮށްގެން މިތިބީ،" ރިޔާސީ އިންތިހާބަށް ފަހު މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއު ސަން އަށް ދެއްވަމުން އިންތިހާބީ ރައީސް އިބޫ ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް އިންޓަވިއު ދެއްވަނީ، އިބޫ ވެސް ވިދާޅުވަނީ ކޯލިޝަން ދެމެހެއްޓެނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑު ނަފްސަށް 100 ޕަސަންޓް ޔަގީންކަން އެބަ އޮތް ސިޔާސި ހިޔާލު ތަފާތުވުންތައް ހައްލު ކުރެވޭނެކަމުގެ،"

"ދެ އަހަރު ވެއްޖެ، އަދި ވެސް ތިބެވޭނެ"

ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ވެސް އިބޫގެ މި ވާހަކަފުޅަށް ތާއީދުކުރެ އެވެ. އިބޫ ވެސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޕާޓީތަކުން މަސައްކަތްކުރީ ވަރަށް ގުޅިގެން ކަމަށެވެ. އަދި ޕާޓީތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގައި ވެސް ވަރަށް އޮމާންކަމާ އެކު އިބޫ ގެންދެވީ ނިންމުންތައް ނިންމަވަމުން ކަމަށެވެ.

"ސޯޝަލް މީޑިއާގައި އެކްޓިވިސްޓުން ތަފާތު ވާހަކަތައް ދައްކާ އުޅުނެއްކަމަކު ލީޑަރުންގެ މެދުގައި މާ ބޮޑު މައްސަލަތަކެއް ނޫޅޭ،" ޚިޔާލު ތަފާތުވުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކޯލިޝަންގެ ލީޑަރުންގެ ބަދަހިކަން އޮތް މިންވަރު ފާހަގަކުރައްވަމުން ރޮޒައިނާ "ސަން"އަށް ވިދާޅުވި އެވެ.

ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ވެސް ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ ވިސްނުންފުޅު ވެސް ހުރީ މިފަދަ ގޮތަކަށެވެ. ރިޔާޒު ވިދާޅުވި ގޮތުގައި އިހުލާސްތެރިކަމާ އެކު ގައުމު އިސްކޮށްގެން ހަތަރު ލީޑަރުން ވިސްނުންފުޅާ އެކު، ވަރަށް އޮމާން ކަމާ އެކު ކޯލިޝަން ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

"ދެން އަންނާނެ ތަފާތު ހިޔާލުތައް ވެސް. އަޅުގަނޑު ދެކޭ ގޮތުގައި ވޭތުވެދިޔަ ދޮޅު އަހަރު ތެރޭގައި ހަމަ އެބޭފުޅުންގެ ތެރޭގައި މަޝްވަރާކޮށް ކަންކަން އިސްލާހު ކުރެވިފައި އޮތީ، އެހެންވީމާ އެ ވިސްނުމުގައި މަސައްކަތް ކޮށްގެން ރަނގަޅުވާނެ،" ރިޔާޒު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ޕަލިނަޓްރީ ގޫރުޕްގެ ބައެއް ބޭފުޅުން، އަރިހުގައި އިންތިހާބީ ރައީސް އިބޫ، ކޯލިޝަން ޕާޓީތަކުން އިން ބުނަނީ ދެ އަހަރުވެސް ތިއްބެވީ އެކުގައި ކަމަށާއި ދެންވެސް ތިބެވޭނެ ކަމަށް -- ސަން ފައިލް ފޮޓޯ

އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ ހުސައިން ވެސް ވިދާޅުވީ އެެއް ވިސްނުމެއްގައި އެހާ ގިނަ ދުވަހު ތިބެވުނު ބަޔަކަށް، ދެން ވެސް އެގޮތުގެ މަތީގައި ތިބެވޭނެ ކަމަށެވެ. އަދި މިފަހަރަކީ މާޒީ ތަކުރާރުނުވާ، ތަފާތު ފަހަރަކަށް ވާނެ ކަމަށް އަލީ ދެކެވަޑައިގަންނަވަ އެވެ.

ކޯލިޝަނަށް ގާނޫނީ ބާރުވެރިކަން!

ކޯލިޝަންތަކާ ބެހޭ އެއްވެސް ވާހަކައެއް، ގާނޫނެއްގައި މިހާތަނަށް ލިޔެވިފައެއް ނެތެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ތައްޔާރުކުރި މެނިފެސްޓޯގައި ބުނެފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ކޯލިޝަނަށް ލިބޭތާ މަސް ދުވަސް ތެރޭގައި އެ ކޯލިޝަނުގެ ހަތަރު ލީޑަރުން އެއްބަސްވެ، ސޮއިކުރާ އެއްބަސްވުމެއް މަޖިލީހަށް ހުށަހަޅާނެ އެވެ. ކޯލިޝަން ރޫޅޭނެ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމިއޮތުމާއި ނެތުން، އަދި ކޯލިޝަނަށް ދިމާވާ އެހެނިހެން މައްސަލަތައް ހައްލުކުރާނެ ގޮތްތައް ވެސް އޭގައި ހިމަނާނެ ކަމަށް އެ މެނިފެސްޓޯގައިވެ އެވެ.

ކޯލިޝަނަށް ގަނޫނީ ބާރުވެރިކަން ހޯދުމާ ބެހޭ ގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު "ސަން"އަށް ވިދާޅުވީ ގަބޫލުކުރާ އުސޫލުތަކެއް ގާނޫނެއްގެ ގޮތުގައި ގެނެވިދާނެ ކަމަށާއި އެހެން ނަމަވެސް އެ ގާނޫނެއް އޮންނަ ސިފަ، ގާނޫނު އަސާސީގެ އެއްވެސް މައްދާއަކާ ހިލާފުވެގެން ނުވާނެ ކަމަށެވެ.

"އިތުބާރު އުފެއްދުމަށް ގާނޫނު ހެދުމަކީ ނުވަތަ އިތުބާރު ދެމެހެއްޓޭނީ ގާނުނެއް މެދުވެރި ކޮށްގެން ކަމުގައިވާ ނަމަ އެ ގޮތަށް ކުރިއަށް ދިއުމަކީ ވެސް އެންމެ ރަނގަޅު ކަމެއް، ނަމަވެސް ގާނޫނު އަސާސީއާ ހިލާފުވެގެން ނުވާނެ އެ ފާސްކުރާ އުސޫލުތައް،" ގަނޫނީ ވަކީލު ސުއޫދު ވިދާޅުވި އެވެ.

ހަތަރު ފިކުރު، ކޯލިޝަން ދެމެހެއްޓޭނެބާ؟

ގާނޫނީ ބާރުވެރިކަން ކޯލިޝަންއަށް ލިބުނު ކަމުގައި ވިޔަސް، އެއީ އަދި ހައްލެއް ނޫނެވެ. ގާނޫނެއް ހެދި ނަމަވެސް، ތަފާތު ފިކުރުގެ ހަތަރު ލީޑަރުން އެކުގައި ނުތިބެއްޖެ ނަމަ ސަރުކާރަށް ލޮޅުންތައް އެރުމުގެ ފުރުސަތު އޮންނާނެ އެވެ. މާޒީއަށް ބަލާއިރު މިއީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ.

އިދިކޮޅު ހަތަރު ލީޑަރުން --

ނަމަވެސް އިއްތިހާދުގެ ވިސްނުން ތަފާތެވެ. އިއްތިހާދުން ބުނަނީ މިފަހަރަކީ ތާރީހު ބަދަލުކޮށް ރައްޔިތުންނަށް ތަފާތު ދެއްކޭނެ ފަހަރަކަށް ވާނެ ކަމަށެވެ.

ތަފާތު ސިޔާސީ ފިކުރުތަކުގައި ތަފާތު ވިސްނުން ހުންނާނެ އެވެ. އެ ފިކުރުތަކުގެ ތެރޭގައި ހިޔާލު ތަފާތުވެ، މައްސަލަތައް ވެސް ދިމާވާނެ އެވެ. އެ މައްސަލަތައް ހައްލުކޮށް ގައުމީ ރޫހު އިސްކޮށް، އިހުލާސްތެރިކަމާ އެކު ކުރިޔަށް ދެވޭނީ ކެތްތެރި ވަރުގަދަ ސަހުޝިއްޔަތަކަށެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެކަން އެނގެމުންދާނެ އެވެ.

comment ކޮމެންޓް